ރާއްޖެ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުގައި ރޯދަ ފެށިއިރު، ގިނަ ޤައުމުތަކަށް ރޯދަ މާދަމާ

ރާއްޖެ ހިމެނޭ ގޮތަށް ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ބައެއް ޤައުމުތަކުގައި މިއަދު، ބުދަ ދުވަހު، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ފަށައިފައިވާއިރު، މިޞްރާއި ތުރުކީ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކެއް...

18 Feb 2026 | 05:03
ރޯދަމަހެއްގެ ދަމު ނަމާދު ވަގުތު - ފައިލް ފޮޓޯ: ދުވަސް

ރޯދަމަހެއްގެ ދަމު ނަމާދު ވަގުތު - ފައިލް ފޮޓޯ: ދުވަސް

ރާއްޖެ ހިމެނޭ ގޮތަށް ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ބައެއް ޤައުމުތަކުގައި މިއަދު، ބުދަ ދުވަހު، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ފަށައިފައިވާއިރު، މިޞްރާއި ތުރުކީ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކެއްގައި ރޯދަ ފެށޭނީ މާދަމާ ބުރާސްފަތި ދުވަހުއެވެ.

ސައޫދީ އަރަބިއްޔާގެ ހަނދު ބެލުމުގެ ކޮމިޓީން އަންގާރަ ދުވަހުގެ ރޭ ހަނދު ފެނިފައިވާ ކަމަށް ނިންމައި، ބުދަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާންކުރީއެވެ. ސައޫދީއާ އެއްގޮތަށް ޔޫއޭއީ، ޤަޠަރު، ބަޙުރައިން، ކުވައިތު، ޔަމަން، އަފްޣާނިސްތާން، ފަލަޟްޠީނު، ލުބުނާން އަދި ޢިރާޤުގެ ސުންނީ ޢިލްމުވެރީން ވެސް މިއަދު ރޯދަ ފެށީއެވެ.

ނަމަވެސް ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ ހަނދު ފެނުން ނާދިރު ކަމެއް ކަމަށް ވާތީ، ގިނަ ޤައުމުތަކެއްގައި ހަނދު ނުފެންނަ ކަމަށް ނިންމައި މާދަމާ ރޯދަ ފެށުމަށް ވަނީ ކަނޑައަޅައިފައެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، ތުރުކީ، ޢުމާން، ބުރޫނާއީ، ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނީޝިޔާ، ތޫނިސް، ލީބިޔާ، އޭޒަރބައިޖާން، އުރުދުން، ސީރިޔާ އަދި ކަޒަކިސްތާން ހިމެނެއެވެ. މީގެ އިތުރުން ފިލިޕީންސް، ޖަޕާން، ފްރާންސް އަދި އޮސްޓްރޭލިޔާގައި ވެސް ރޯދަ ފެށޭނީ ބުރާސްފަތި ދުވަހުއެވެ.

އީރާން، މޮރޮކޯ، އިންޑިޔާ، ބަންގްލަދޭޝް އަދި ޕާކިސްތާނުން މިރޭ ހަނދު ބެލުމަށްފަހު ރޯދަ ފެށޭ ދުވަސް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ޤައުމުތަކުގައި ރޯދަ ފެށޭނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހުއެވެ.

ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަސް ފެށޭ ދުވަހާ މެދު ޤައުމުތަކުގެ ދެމެދުގައި ތަފާތު އޮވެއެވެ. އެއީ ބައެއް ޤައުމުތަކުގައި ޝަރުޢީ ރޯޔަތަށް ބަރޯސާ ވާއިރު، އަނެއް ބައި ޤައުމުތަކުގައި ފަލަކީ ހިސާބަށް ބިނާކޮށް ނިންމާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް