އެސްކެޕް އާއި ގުޅިގެން އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތައް ހަރުދަނާކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

އދ. ގެ އޭޝިއާ ޕެސިފިކް އިގުތިސާދީ އަދި އިޖުތިމާއީ ކޮމިޝަން (އެސްކެޕް) އާއި ސިއްހަތާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކާ ގުޅޭ ޓެކްނިކަލް ވޯކްޝޮޕެއް މ...

17 Aug 2026 | 10:17
N/A

N/A

އދ. ގެ އޭޝިއާ ޕެސިފިކް އިގުތިސާދީ އަދި އިޖުތިމާއީ ކޮމިޝަން (އެސްކެޕް) އާއި ސިއްހަތާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކާ ގުޅޭ ޓެކްނިކަލް ވޯކްޝޮޕެއް މާލޭގައި މި މަހުގެ 9 އިން 12 އަށް ބާއްވައިފިއެވެ.

މި ވޯކްޝޮޕުގައި ސަރުކާރުގެ ފަސް އިދާރާއަކުން 13 ފަރާތެއް ބައިވެރިވެފައިވެއެވެ. އެ އިދާރާތަކުގެ ތެރޭގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އާއި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ނެޝަނަލް ޕްލޭނިން ޑިޕާޓްމަންޓް އަދި ސިއްހަތާ ބެހޭ ވުޒާރާ ހިމެނެއެވެ. މި ބައްދަލުވުމުގައި އެސްކެޕުން ތައްޔާރުކޮށްފައިވާ ޑޭޓާ ބޭނުންކޮށްގެން ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ޓޫލްތައް ބައިވެރީންނަށް ތައާރަފުކޮށްދީފައިވެއެވެ. އެގޮތުން ލީވިން ނޯ ވަން ބިހައިންޑް ޕްލެޓްފޯމް (އެލްއެންއޯބީ) އާއި ސޯޝަލް ޕްރޮޓެކްޝަން އޮންލައިން ޓޫލްބޮކްސް (ސްޕޮޓް) ސިމިއުލޭޓަރާއި އެސްޕީ2އެލްއެންއޯބީ އެޕް ފާހަގަކޮށްލެވެއެވެ.

ވޯކްޝޮޕުގެ ބައިވެރީން 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޑޭޓާ އާއި ގޭބިސީ ސާވޭތަކުގެ ތަފާސްހިސާބު ދިރާސާކޮށް ރާއްޖޭގައި އެންމެ ފަހަތުގައި ތިބި ގިންތިތައް ދެނެގަތުމަށް މަސައްކަތްކޮށްފައިވެއެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ބައިވެރީން އެކެނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކޮށްފިނަމަ ގޭބިސީތަކަށް ކުރާނެ އަސަރު ދެނެގަތުމަށް ތަހުލީލުކުރިއިރު ޕެންޝަން އޮފީހުގެ ބައިވެރީން ރާއްޖޭގެ އުމުރުން ދޮށީ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް ހިދުމަތާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކުގެ ތަފާތުތައް ބެލި ކަމަށް އެ ވޯކްޝޮޕުން ހާމަކޮށްފައިވެއެވެ. ހަމައެއާ އެކު ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ވުޒާރާގެ ބައިވެރީން އަސާސީ ހިދުމަތްތައް ލިބުމުގައި ހުރި ފަރަގުތައް ދެނެގަނެ އުމުރާއި ޖިންސާއި ތަނާއި ހިޖުރަކުރުމާއި ނުކުޅެދުންތެރިކަން ފަދަ ކަންކަމުގެ އަލީގައި ފަހަތުގައި ތިބި ޖަމާއަތްތައް ފާހަގަކޮށްފައިވެއެވެ.

ވޯކްޝޮޕުން ސިޔާސަތީ ހައްލުތަކެއް ހުށަހެޅި އިރު އެ ހައްލުތައް އިސް ވެރީންނާ ހިއްސާކޮށް ކުރިއަށް އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ވޯކްޝޮޕުގެ ނަތީޖާ އާއި ސިޔާސަތީ ލަފާތައް ހިމެނޭ އިލްމީ ޝާއިއުކުރުންތައް އެސްކެޕާއި ދިވެހި ސަރުކާރު ގުޅިގެން ތައްޔާރުކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ. އެ ޝާއިއުކުރުންތައް 2027 ވަނަ އަހަރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތްތަކުގައި ސަރުކާރުގެ މަންދޫބުން ހުށަހެޅުމަށް ރޭވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް