ސައުދީގެ ސްކޫލެއްގައި ކިޔަވައިދެނީ --
އިސްތިއުމާރީ އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައާ ގުޅޭ ގޮތުން ސައޫދީ ޢަރަބިއްޔާގެ ސްކޫލް މަންހަޖުތަކުގައި ހުރި ބައެއް ވާހަކަތަކުގެ އިބާރާތްތައް ބަދަލުކޮށް، ބައެއް ޢިބާރާތްތައް މުޅިން އުނިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޢިބްރީ ބަހުގެ ނޫހެއް ކަމަށްވާ މާރިވް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަންހަޖަށް ގެނައި ބަދަލު ދިރާސާ ކުރީ އިމްޕެކްޓް-އެސްއީ ނަމަކަށް ކިޔާ ދިރާސީ އިދާރާއަކުންނެވެ. އެ އިދާރާއިން ވަނީ 2024 އިން 2026 އާ ދެމެދުގެ ސައޫދީ ސްކޫލް މަންހަޖުތައް ދިރާސާކޮށްފައެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި ވިޝަން 2030 ގެ ދަށުން ޝާހީ ޢާއިލާ އިން ކުރިއަށް ގެންދާ ބަދަލުތަކުގެ ތެރެއިން ޔަހޫދީންނާއި އިސްރާއީލާއި ޤުދުސާ ބެހޭ ގޮތުން ހުރި ބައެއް ވާހަކަތައް ބަދަލުކޮށް "ދެކޮޅުވެރި ޢިބާރާތްތައް" އުނިކޮށްފައިވެއެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލެއް ގޮތުގައި ދިރާސާގައި ފާހަގަކޮށްފައި ވަނީ ގްރޭޑް 11 ގެ ޢަރަބި ބަހުގެ ފޮތަށް ގެނެސްފައިވާ ބަދަލެކެވެ. 2023-2024 ގެ އެޑިޝަންގައި "މުސްލިމުން ޤުދުސް ދޫކޮށެއް ނުލާނެ" ކަމަށް ލިޔެފައި އޮތް ޖުމްލަ 2024-2025 ގެ ދިރާސީ އަހަރުން ފެށިގެން މުޅިން އުނިކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ޖުމްލައިގެ ސަބަބުން ޤުދުސްގައި މުސްލިމުންގެ ދައުރު ނުރައްކަލެއްގެ ތެރޭގައި އޮތް ކަމުގެ ތަޞައްވުރެއް ދެވޭ ކަމަށާއި އެ ޖުމްލަ އުނިކުރުމުން ސިޔާސީ ގޮތުންނާއި ދީނީ ގޮތުން ޚިލާފީ ރެފެރެންސެއް ނައްތައިލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ބަދަލުތައް ގެނެސްފައި ވަނީ ސައޫދީ ވެރިކަމުގެ ފަރާތުން ހިންގާ ވިޝަން 2030 ގެ ދަށުން ތަޢުލީމީ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް