މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ދޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް އުވައިލައި ޢާންމު ރައްޔިތުންނެކޭ އެއްގޮތަށް ސިއްޙީ ފަރުވާ ހަމަޖެއްސުމަށް ގޮވައިލައި މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މިދުޢަމް ސައުދު ކިޔާ މީހަކު ހުށަހެޅި މި ޕެޓިޝަނުގައި މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ ދަށުން މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ ބައިވެރިންނާއި 18 އަހަރު ނުފުރޭ ދަރީންނަށް ސާކާއި އާސިއާންގެ ޤައުމުތައް ހިމެނޭހެން ޖުމްލަ 19 ޤައުމަކުން އުމުރު ދުވަހަށް ޕްރިމިއަމް މެޑިކަލް އިންޝުއަރެންސް ލިބެއެވެ.
އެ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ ތައިލެންޑް އަދި ސިންގަޕޫރު ހިމެނެއެވެ.
ޕެޓިޝަނުގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2015 އިން 2025 އާ ދެމެދު މެންބަރުންގެ އިންޝުއަރެންސް ޕްރިމިއަމަށް އެކަނި ވެސް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވެއެވެ. އަދި ކުރީގެ ކޮންމެ މެންބަރަކަށް ވެސް މި އިނާޔަތް އުމުރު ދުވަހަށް ކަށަވަރުވެފައި އޮންނާތީ އެ ޚަރަދު ކޮންމެ އަހަރަކު ބޮޑުވަމުންދާނެ ކަމަށް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ދިހަ އިޤުތިޞާދަށް ބަލައިލައިގެން ޕެޓިޝަނުގައި ބުނެފައިވަނީ އެމެރިކާ، ޖަޕާން، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް ފަރަންސޭސިވިލާތް ކެނެޑާ ދެކުނު ކޮރެއާ އިޓަލީ އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކުގައި ވެސް ކުރީގެ މެންބަރުންނަށް އުމުރު ދުވަހުގެ ޚާއްޞަ އިންޝުއަރެންސެއް ނުދޭ ކަމަށެވެ. އެ ޤައުމުތަކުގެ މެންބަރުން ވެސް ބޭނުންކުރަނީ ޢާންމު ރައްޔިތުންނަށް ލިބޭ ޤައުމީ ސިއްޙީ ނިޒާމު ކަމަށާއި މެންބަރުންނަށް މިފަދަ ބޮޑު އިނާޔަތެއް ޤާނޫނީ ގޮތުން ލާޒިމުކޮށްފައި އޮތް ހަމައެކަނި ޤައުމަކީ ރާއްޖެ ކަމަށް ވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
ޢާންމު ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދަނީ އާސަންދައާއި އެންސްޕާ މެދުވެރިކޮށް ކަމަށް ވާއިރު ރައްޔިތުން ތަމްސީލުކުރާ މެންބަރުންނަށް ޓެކްސް ފައިސާއިން އަގުބޮޑު އިންޝުއަރެންސެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ. ސިއްޙީ ނިޒާމު އިޞްލާޙުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކަށް ވަކި ޚާއްޞަ އިނާޔަތެއް ލިބޭނަމަ ޢާންމު ރައްޔިތުން ތަޙައްމަލުކުރާ ދަތިތައް އިޙުސާސް ނުވާނެ ކަމަށް ވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ މެންބަރުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޚާއްޞަ އިންޝުއަރެންސް ލިބޭ ގޮތަށް އޮތް ޤާނޫނީ މާއްދާތައް އުވައިލައި މެންބަރުންނަކީ ވެސް އާސަންދައާއި އެންސްޕާ މެދުވެރިކޮށް ޚިދުމަތް ހޯދާ ބަޔަކަށް ހެދުމަށެވެ. އޭގެ އިތުރުން ޓެކްސް ފައިސާއިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގައި މެންބަރުންނާއި ޢާންމު ރައްޔިތުންގެ ދެމެދުގައި އޮތް ތަފާތުކުރުންތައް ނައްތައިލުމަށް ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ވެސް ޕެޓިޝަނުގައި ގޮވައިލައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް