ގެއްލުނު ތިން މީހުން ވީކަމަށް ބެލެވެނީ ފެތުނު ދޯނިތެރޭގައި، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

ދޯންޏެއް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން 11 ދުވަސް ވަންދެން ހިންގި ބޮޑު އޮޕަރޭޝަނުގައި ގެއްލުނު މީހުން ކަނޑުމަތި...

17 Aug 2026 | 05:27
ގެއްލުނު ތިން މީހުން --

ގެއްލުނު ތިން މީހުން --

ދޯންޏެއް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން 11 ދުވަސް ވަންދެން ހިންގި ބޮޑު އޮޕަރޭޝަނުގައި ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުންނެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ވަރަށް ކުއްލި ގޮތެއްގައި ބަންޑުން ޖަހައިލައި ހުވަދޫ ފުން ކަނޑުގެ ތެރެއަށް ގޮސްފައިވާ އިރު ދޯނި ފެތުނު ވަގުތު ކައިރީގައި ލޭންޑިން ކްރާފްޓަކާއި ފުލުހުންގެ ލޯންޗެއް އަދި އެމްއެންޑީއެފް ލޯންޗެއް އޮތުމުން ދޯނިން ނިކުމެވުނު މީހުންނާއި ފުންމައިލި މީހުން އެ ވަގުތު ސަލާމަތްކުރެވިފައިވެއެވެ.

ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ގިނަ ވަސީލަތްތަކެއް ބޭނުންކޮށްފައިވެއެވެ. މޯލްޑިވިއަން އެއާ ކްރާފްޓުގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންތައް ބޭނުންކޮށްގެން ކަނޑުގެ ސަރަޙައްދު ބަލާފައިވާ އިރު އެ ޑްރޯންތަކުގައި ހަރުކޮށްފައިވާ އިންފްރާރެޑް ސެންސަރުތައް މެދުވެރިކޮށް ރޭގަނޑު ވެސް ކަނޑުގައި އެއްޗެއް އޮތްތޯ ދެނެގަނެވެއެވެ.

ހަމައެއާ އެކު އޮސްޓްރޭލިއާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވާ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" މަނަވަރުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ކަނޑުމަގުން ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ސަރުކާރުން ވެސް މި އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެ ގޮތުން ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އަދި ސަވައިލެންސަށް ޚާއްޞަ އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން 6,300 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި މުޅި ހުވަދޫ ކަނޑު ވަނީ ސްކޭންކޮށްފައެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ހޯދުމުގެ އިތުރުން އޮޔާ ހިނގައިދާނެ ދިމާތައް ލަފާކޮށް ހައްދުންމަތީ އަތޮޅާއި ހުވަދުއަތޮޅު އުތުރުބުރީގެ ފަރުތައް ވެސް ބަލާފައިވެއެވެ.

އިއްޔެ ހަވީރު 18:00 ގެ ނިޔަލަށް ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލު ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު އަދި ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭ ގޮތަށް 288 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބެލި ނަމަވެސް ގެއްލުނު ތިން މީހުން ފެނިފައެއް ނުވެއެވެ.

ދޯނި ފެތިފައިވާ ސަރަޙައްދު 1,600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ އިރު އެއީ ޑައިވިން ކޮށްގެން އިންސާނުންނަށް ދެވޭ ފުންމިނެއް ނޫން ކަމަށާއި ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ކޮންވެންޝަނަލް އަދި ނިއުކްލިއާ ސަބްމެރީން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް