ހުޅުމާލޭގައި ދާދި ފަހުން ހުޅުވި މެންހެޓަން ގްރޭންޑް ހޮޓަލާ ޖެހިގެން ހިންގަމުން އަންނަ ކުނި ކަލެކްޝަން ސެންޓަރު އެހެން ސަރަހައްދަކަށް ގެންދިޔުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.
ވެމްކޯގެ މީޑިއާ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ 2017 ވަނަ އަހަރު ހުޅުވި އެ ސެންޓަރު ހުޅުމާލެ 3 އަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ސެންޓަރު ގެންދާނެ ވަކި ތަނެއް ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރަމުންދާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
އެސްޓީއޯއިން އަހަރުތަކެއް ކުރިން ބިނާކުރި ނުވަ ބުރީގެ ސިޓީ ހޮޓާ ނުހުޅުވި ގިނަ ދުވަސްވެގެން ދިޔައީއެވެ. އެ މުއްދަތުގެ ތެރޭގައި ހުޅުމާލެ ފޭސް އެކެއް ނިމޭ ހިސާބުން، ހޮޓަލާ ޖެހިގެން ކުނި ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފެށީއެވެ. އެ ހޮޓާ މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާފައިވާއިރު، ކުނިކޮށި ބަދަލުކުރުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ.
"އެ ސަރަހައްދު ނިމޭއިރަށް ރީލޮކޭޓު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" ވެމްކޯގެ އޮފިޝަލު ވިދާޅުވިއެވެ.
ފަސްތަރީގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލަކާއި އައުޓްޑޯ ސުވިމިން ޕޫލެއް އަދި ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ހިމެނެއެވެ. އެ ހޮޓާ "މެންހެޓަން ގްރޭންޑް" ގެ ނަމުގައި ތަރައްޤީކޮށްފައި ވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރު ހަވާލުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް