ވެމްކޯ މުވައްޒަފުންތަކެއް މަގުމަތިން ކުނި ނެގުމުގައި - ފައިލް ފޮޓޯ: ދުވަސް
މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދެއްކި ވަނީ އެ ކޯޕަރޭޝަނަށް
ލިބެންޖެހޭ ފައިސާ ނުލިބިވާތީ ކަމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)
އިން ބުނެފިއެވެ.
ވެމްކޯއިން މިހެން ބުނެފައިވަނީ ޕެންޝަނަށް 20
މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބަ އޮތްކަން ހާމަވުމާއި ގުޅިގެން ނެރުނު
ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ވެމްކޯއިން ބުނެފައިވަނީ އެ
ކޯޕަރޭޝަން އިން މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދެމުން ގެންދަނީ މި
ކޯޕަރޭޝަނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ސަބްސިޑީގެ ގޮތުގައި
ލިބޭ މާލީ އެހީތެރިކަމާ އެކުގައި ކަމަށާއި ނަމަވެސް، އެކި ފަރާތްތަކައް އެ
ކޯޕަރޭޝަނުން ހޯދި ޚިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން
ފާހަގަކުރާކަމަށެވެ.
"އޭގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން މި
ކޯޕަރޭޝަނުން ހޯދާފައިވާ ޚިދުމަތްތަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ވަނީ
ނުލިބި، މި ފައިސާ ހޯދަން 2024 އަދި މިދިޔަ 2025 ވަނަ އަހަރުވެސް އެކި ފަހަރު
މަތިން، މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް ވަނީ މަޝްވަރާތައް ކޮށްފައި"
ވެމްކޯއިން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ
ޚިދުމަތް ފުރިހަމައަށް ދިނުމާ އެކު، ދަތިކަމެއް ނެތި މުވައްޒަފުންގެ މުސާރައާއި
އިނާޔަތްތައް ހަމަޔަށް ދިނުމުގައި މި ކޯޕަރޭޝަނަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް
ލިބިލިބި ހުރުމަކީ މުހިންމު ކަމަކަށްވާތީ، މި ފައިސާ ހޯދައި ދިނުމުގައި މިނިސްޓްރީ
އޮފް ފިނޭންސްގެ އެހީތެރިކަމަށް ވެސް މި ކޯޕަރޭޝަނުން ވާނީ އެދިފައި ކަމަށާއި
މިވަގުތު ވެސް އެކަމާ ގުޅޭ މަޝްވަރާތައް މިނިސްޓްރީއާ އެކު ކުރަމުން އަންނަ
ކަމަށެވެ.
އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ
ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާއި އެ ކޯޕަރޭޝަނާއި އެކު
ވެސް އެކި ފަހަރުމަތީން ވަނީ މަޝްވަރާތައް ކުރެވިފައިވާކަން ފާހަގަކުރަމުން
ބުނެފައިވަނީ އެ ކަންކަމާ އެކު އަވަސް މުސްތަޤްބަލެއްގައި އެކަން ހައްލު ކުރެވި،
މުވައްޒަފުންނަށް ހައްޤުވާ ޕެންޝަން ފައިސާ، ގަވާއިދުން ޖަމާކުރުމުގެ
އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް