ވެއްޓުނު ކުޑަ މަތިންދާބޯޓު --
ސްޕެއިނުގެ ނަވާރާ ސަރަޙައްދުގެ ވިއާނާ ކައިރިއަށް ޕައިލެޓް ތަމްރީނު ބޯޓެއް ވެއްޓި އެ ބޯޓުގައި އިން ދިވެހި ދަރިވަރަކަށާއި ޕޯޗުގަލްގެ ފްލައިޓް އިންސްޓްރަކްޓަރަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ސްޕެއިނުގެ ނޫހެއް ކަމަށްވާ ލަ ރިއޯޖާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓިފައިވަނީ ވިއާނާގެ "އުލާގޯސާ" ނަމަކަށް ކިޔާ ދަނޑުވެރިކަމުގެ ސަރަޙައްދަކަށް 300 ފޫޓު މަތިންނެވެ.
ހާދިސާގައި އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވެ ތަނބިކައްޓާއި ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. އުމުރުން 26 އަހަރުގެ ޕޯޗުގަލްގެ އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ދިވެހި ދަރިވަރާ ގުޅޭ އިތުރު ތަފުސީލު އަދި ނުލިބެއެވެ.
ވެއްޓުނީ ފްލައިބައި ޕައިލެޓް ސްކޫލުގެ ޓެކްނަމް 2006 މޮޑެލްގެ ދެ އިންޖީނު އެޅި ބޯޓެކެވެ. އެ ބޯޓު ވެއްޓިފައިވަނީ އަގޮންސިއޯ އެއާޕޯޓުގައި "ޓަޗް އެންޑް ގޯ" ތަމްރީނުތަކެއް ހަދަމުން ދަނިކޮށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި އަނިޔާވި ދިވެހި ދަރިވަރަކީ މަލްޓި-އިންޖީން ތަމްރީނުގެ ފަހު މަރުޙަލާގައި އުޅުނު ކުއްޖެކެވެ. އިންސްޓްރަކްޓަރަކީ 700 އަށް ވުރެ ގިނަ ގަޑިއިރުގެ އުދުހުމުގެ ތަޖުރިބާ ހުރި ފަރާތެކެވެ.
މި ހާދިސާ ހިނގީ އިންޖީނަށް ދޫންޏެއް ވަނުމުންނެވެ. ނޫނީ މެކޭނިކަލް މައްސަލައެއް މެދުވެރިވެ ދަނޑުވެރިކަމުގެ ސަރަޙައްދަށް ކުއްލި ގޮތަކަށް ޖައްސަން ޖެހުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. ސްޕެއިނުގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން ވަނީ މި ހާދިސާ ރަސްމީކޮށް ތަޙުޤީޤު ކުރަން ފަށާފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މީގެ ހަތަރު މަސް ކުރިން ވެސް ހަމަ އެ އެކެޑެމީގެ ބޯޓެއްގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވެ އެކްސިޑެންޓެއް ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް