މާލޭ ޓެކްސީތަކެއް -- ފޮޓޯ: ރައީސް އޮފީސް
މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަންގައި ހިމެނޭ މައުލޫމާތުތައް ލީކުކޮށްފައިވަނީ ކުންފުނީގެ މުވައްޒަފެއް ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ޓެކްސީ ލައިން އެޕްލިކޭޝަންގައި ޓެކްސީ ޚިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، އޭގެ ފަހުން އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑި، އެއްގޮތަކަށް ވެސް ޚިދުމަތް ނުލިބޭ މައްސަލައެއް ރޭގެ ވަގުތެއްގައި ވަނީ ފެންމަތިވެފައެވެ.
އެއަށްފަހު، ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުތަކުގެ ތެރޭގައި އެޕްލިކޭޝަން ބޭނުންކުރި އާންމު ރައްޔިތުންގެ ޒާތީ ސިއްރު މައުލޫމާތުތަކާއި ނަމާއި ފޯނު ނަންބަރާއި ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް ހިމެނެއެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެޕްލިކޭޝަނަށް ބޭރުގެ ފަރާތަކުން ފަޔަވޯލަށް ޙަމަލާ ދީގެން ހެކުކުރީ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. ބަޔާނުގައި ބުނީ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގެ މަޢުލޫމާތަށް ބަދަލު ގެނެސް ސްކްރީން ޝޮޓް ނެގުމަށްފަހު ލީކު ކުރީ މުވައްޒަފެއް ކަމަށެވެ.
އެ އަމަލަކީ އެ މުވައްޒަފުންގެ އަމިއްލަ ޒާތީ އަދި ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް ބުނެފައިވެ އެވެ.
ޑޭޓާބޭސް ސިސްޓަމަށް ގެނައި ބަދަލު ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކު ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެންގޮސްފައިވާކަމަށް ބުނެފައިވެ އެވެ. އަދި ރޭ 11:30 ހާއިރު އެޕްލިކޭޝަން އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
މި ޢަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށާއި ކުންފުނީގެ ޤަވާޢިދުތަކާއި އުޞޫލުތަކުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅަން އެމްޓީސީސީން ވަނީ ނިންމާފައި އެވެ. އެ ކުންފުނިން ސިފަކުރާ ގޮތުގައި މި ޢަމަލުގެ މަޤުޞަދަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދައިފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކުރުމެވެ.
މާލެ ޓެކްސީ ލައިނުން ގްރޭޓާ މާލެ ސަރަޙައްދުގައި ޚިދުމަތް ދެމުން އަންނައިރު ކަސްޓަމަރުންނާއި ހިއްސާދާރުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް