ގެއްލުނު ތިން މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހަރަކާތްތެރިވަނީ

ހުވަދޫ ކަނޑަށް ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ އިރު ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތަށް އެމެރިކާގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ. މި ހާދިސާ ހިނގީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. އެ ހާދ...

16 Aug 2026 | 12:24
ގެއްލިގެން ހޯދަމުންދާ ތިން މީހުން --

ގެއްލިގެން ހޯދަމުންދާ ތިން މީހުން --

ހުވަދޫ ކަނޑަށް ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ އިރު ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތަށް އެމެރިކާގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ސަޕްލައި ދޯނީގެ ކެޕްޓަނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވީ ތިން މީހުން ހޯދުމަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން އެމެރިކާގެ ނޭވީގެ މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ މެންދުރު 1:45 ން ފަސް ގަޑިއިރަށް ކަމަށް ވިދާޅުވި އެވެ.

ފްލައިޓްރާޑާ އެޕުންވެސް އެ މަތިންދާ ބޯޓު ހުވަދޫ ކަނޑުގައި ހަރަކާތްތެރިވާކަން ދައްކަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ތިން މީހުން ހޯދަން އިއްޔެގެ ނިޔަލަށް ހުވަދޫ ކަނޑު ބަލާ ނިމިފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1645 މީޓަރު (5489 ފޫޓު) ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާކޮށްފައިވެއެވެ.

ހާދިސާ ހިނގި އިރު ސަޕްލައި ދޯނީގައި އަށް މީހުން ތިބި އިރު ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން ފިޔަވާ އަނެއް ހަތް ބިދޭސީން ސަލާމަތްވި އެވެ. މިހާދިސާގައި ފުލުސް އޮފިސަރު އަލީ ނާފިއު އާއި ސިފައިންގެ މީހާ އިބްރާހިމް އަހުމަދު ގެއްލުނީ ދިޔަ ހިއްކަން ދޯނީގެ ތެރޭގައި ތިން މީހުން ތިއްބަ ކުއްލިއަކަށް ރާޅެއް އަރައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިއުމުންނެވެ.

މިހާތަނަށް ކުރި މަސައްކަތުން ދޯނި ވެސް އަދި ގެއްލުނު ތިން މީހުން ވެސް ފެނިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް