ބޭރުގެ ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނަގަން ފަށަނީ

ރާއްޖެއަށް ފަތުރުވެރިން ގެންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ޤާނޫނު އިޞްލާޙުކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގ...

16 Aug 2026 | 10:32
ރައްްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ރައްްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ރާއްޖެއަށް ފަތުރުވެރިން ގެންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ޤާނޫނު އިޞްލާޙުކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއިން ބޭރުގައި ހިންގާ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ޚިދުމަތްތަކުން ޓެކްސް ނެގުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމެވެ. ޓެކްސް ނިޒާމުގައި ހުރި ދަތިތައް ޙައްލުކޮށް ނިޒާމު ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލް ފާސްވެ ޢަމަލުކުރަން ފެށުމުން ބޭރުގެ ޓްރެވެލް އެޖެންޓުންގެ ފަރާތުން 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ ފަރާތުން 13 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބަހުސްގައި ޕީއެންސީގެ މެންބަރުން ފާހަގަކުރެއްވީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކުން ހޯދަމުންދާ މާލީ މަންފާއިން ދިވެހީންނަށް ޙައްޤުވާ ބައި ހޯދުމަށް ޓެކްސް ބޭސް ފުޅާކުރަންޖެހޭ ކަމަށެވެ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވިދާޅުވީ މިއީ ޓެކްސް ބޮޑުކުރުމެއް ނޫން ކަމަށާއި ޓެކްސް ބޭސް ފުޅާކުރުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އިސްލާހުގެ ސަބަބުން ދިވެހިރާއްޖެ އަށް ހައްގުވާ ނޫނީ ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީއެއް ހޯދައި އެހެން ނަމަވެސް އެއިން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް އޮތް އޮތުން މި އިސްލާހުތައް މި މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާ ހިސާބުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ" މަމްދޫޙު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުމަށް ތާއީދުކުރެއްވި ނަމަވެސް އެކަމުގައި ޢަމަލުކުރާ އިޖުރާއަތްތައް ރަނގަޅުތޯ ބެލުން މުހިންމު ކަމަށް ވިދާޅުވިއެވެ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބިލަށް ތާއީދުކުރައްވައި ވިދާޅުވީ ވިޔަފާރިތަކަށް ކުރާނެ އަސަރު ވިޔަފާރިވެރިންނަށް ކިޔައިދީ މަޝްވަރާކުރުމަށް ފަހު ބިލް ފާސްކުރަންޖެހޭ ކަމަށެވެ.

ބަހުސްގައި ހަމައެކަނި ކަންބޮޑުވުން ފާޅުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު ފަތުރުވެރިކަމުގެ ވިޔަފާރީގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު ޢައްބާސް އެވެ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުނުވި ނަމަވެސް ބިލުގައިވާ ބަދަލުތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ. ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ވިޔަފާރީގެ ޤާނޫނުތަކަށް ރިޢާޔަތްކޮށް އެކަށީގެންވާ ވަގުތު ނެގުމަށް ފަހުގައި ނޫނީ މި ބިލް ފާސްކޮށްގެން ނުވާނެ ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.

މި ބިލުގެ ބަހުސް ނިމުމުން ބިލް ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވުމާ މެދު މަޖިލީހުން ގޮތެއް ނިންމާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް