އަސްކަރީ ބޯޓުތަކެއް ވައްޓާލައި އީރާންގެ ޕައިލެޓުންތަކެއް ހައްޔަރުކޮށްގެން އުޅޭ ވާހަކަ ގަތަރުން ދޮގުކޮށްފި

މީގެ ކުރިން ވައްޓާލި އީރާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއްގެ ޕައިލެޓުން ހައްޔަރުކޮށް އެކަން ސިއްރުކޮށްފައިވާ ކަމަށް އިރާނުން ކުރާ ތުހުމަތުތައް ޤަޠަރުގެ ފޮރިން މިނިސްޓްރީން ދޮގު ކޮށްފިއެވެ. ޤަޠަރުގ...

16 Aug 2026 | 04:38
އިރާންގެ އަސްކަރީ ޖެޓެއް --

އިރާންގެ އަސްކަރީ ޖެޓެއް --

މީގެ ކުރިން ވައްޓާލި އީރާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއްގެ ޕައިލެޓުން ހައްޔަރުކޮށް އެކަން ސިއްރުކޮށްފައިވާ ކަމަށް އިރާނުން ކުރާ ތުހުމަތުތައް ޤަޠަރުގެ ފޮރިން މިނިސްޓްރީން ދޮގު ކޮށްފިއެވެ.

ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ޕައިލެޓުން ޤަޠަރުގެ ބެލުމުގެ ދަށުގައި ނެތް ކަމަށެވެ. އީރާނުގެ ވެރީންގެ ފަރާތުން ނުކުތް "އޮޅުވައިލާ ޒާތުގެ ބަޔާންތައް" ފެނުމުން ހައިރާންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ވާހަކަ ފެންމަތިވީ އީރާނު ސިފައިންގެ މުޙައްމަދު ބާޣިރްޒާދެ ރެޑް ކްރޮސް (އައިސީއާރުސީ) އަށް ފޮނުވި ސިޓީއެއްގައި ތިން ޕައިލެޓަކު މާޗު މަހު އެ މީހުންގެ ބޮންއަޅާ ބޯޓުތައް ވެއްޓުމަށް ފަހު ދިރިތިއްބައި ހައްޔަރުކޮށްފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ. އީރާނުގެ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި ބާޣިރްޒާދެ ބުނީ އެ ތިން ޕައިލެޓުން ހަ މަސް ވަންދެން ޢާއިލާ އާއި ޑިޕްލޮމެޓިކް މަންދޫބުންނާ މުޢާމަލާތް ނުކުރެވޭ ގޮތަށް ހިފަހައްޓާފައިވާ ކަމަށެވެ.

ޤަޠަރުން ބުނީ މާރިޗު މަހު ޤަޠަރުގެ ވައިގެ ސަރަޙައްދަށް ހުއްދައަކާ ނުލައި ވަން އެ ބޯޓުތަކާ ޤަޠަރުގެ ވައިގެ ދިފާޢީ ބާރުން މުޢާމަލާތުކުރި ކަމަށާއި އިންޒާރުތަކަށް ޖަވާބެއް ނުލިބުމުން ބޯޓުތައް ވައްޓައިލީ ކަމަށެވެ. އެއަށް ފަހު ހޯދައި ސަލާމަތްކުރާ ޓީމުތަކުން އެއް ޕައިލެޓެއް ކަމަށްވާ މާޖިދު ކާޒިމީގެ ހަށިގަނޑު ހޯދައި އީރާނު ފަރާތާ ގުޅިގެން ހަށިގަނޑު ރައްދުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އެއް އަސްކަރީ ފެސިލިޓީ ކަމަށްވާ އަލް ޢުދައިދު ވައިގެ މަރުކަޒަށް ދެވުނު ހަމަލާގެ ތެރެއިންނެވެ. ގަލްފުގެ ޤައުމަކުން އީރާނުގެ ހަނގުރާމަމަތީ ބޯޓެއް ވައްޓައިލި ކަމަށް ރިޕޯޓުކުރި ފުރަތަމަ ފަހަރު މީ ކަމަށް ޤަޠަރުގެ ދިފާޢީ ވުޒާރާއިން މާރިޗު މަހު ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން ގަލްފު ސަރަޙައްދު ހަމަނުޖެހުންގެ ތެރެއަށް ވެއްޓިފައި އޮތް އިރު ޕާކިސްތާނުގެ މެދުވެރިކަމާ އެކު އެޕްރީލް މަހު ހަމަޖެހުނު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ވެވުނެވެ. ނަމަވެސް ޖޫންގައި ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބުވެ ހޮރްމޫޒް ކަނޑުއޮޅީ ކައިރީގައި ކުރިމަތިލުންތައް އަލުން ފެށިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް