އިންޑިއާގައި އަންހެންކުދިންގެ ސެޓެލައިޓް އުފެއްދުމަށް ހިންގާ ހާއްސަ މިޝަންގައި ދިވެހި ދަރިވަރެއް

އިންޑިއާގައި ސެޓެލައިޓް ރާވައި އުފެއްދުމަށް އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ބައިނަލްއަޤުވާމީ މިޝަނެއް ކަމަށްވާ މިޝަން ޝާކްތީސެޓްގެ ދެވަނަ ބުރުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރ...

16 Aug 2026 | 03:14
އާމިނަތު ނޯޔާ ސަމީހު --

އާމިނަތު ނޯޔާ ސަމީހު --

އިންޑިއާގައި ސެޓެލައިޓް ރާވައި އުފެއްދުމަށް އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ބައިނަލްއަޤުވާމީ މިޝަނެއް ކަމަށްވާ މިޝަން ޝާކްތީސެޓްގެ ދެވަނަ ބުރުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެއެވެ.

ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި މި މިޝަންގައި ރާއްޖެ ތަމްސީލުކުރާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭ ލެވެލަށް ތަޢުލީމު ޙާޞިލުކުރަމުން އަންނަ އާމިނަތު ނޯޔާ ސަމީހެވެ. ނޯޔާ އަކީ އެންމެ ފަހުގެ އޯ ލެވެލް އިމްތިޙާނުގައި ރާއްޖެއިން އެއްވަނަ ހޯދާފައިވާ ދަރިވަރެކެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މިޝަންގެ ފުރަތަމަ ބުރުގައި ބައިވެރިން ވަނީ އޯބިޓަލް މެކޭނިކްސް އާއި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ ސްޕޭސް އިންޖިނިއަރިންގެ ދާއިރާތައް އޮންލައިންކޮށް ކިޔަވާފައެވެ. ދެވަނަ ބުރުގައި ކޮންމެ ޤައުމަކުން ހޮވައިލެވޭ ދަރިވަރަކަށް އިންޑިއާއަށް ގޮސް ސެޓެލައިޓް ޑިޒައިންކޮށް ބިނާކުރުމުގެ ޢަމަލީ މަސައްކަތުގައި ޝާމިލުވެވޭނެއެވެ.

ޖުމްލަ 108 ޤައުމަކުން 12,000 އަށް ވުރެ ގިނަ ފަރާތް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ވިމް އިން ބުނެފައިވެއެވެ.

ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު ޝައުޤުވެރިކަމެއް ހުންނަ ނޯޔާ އަކީ ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އޭނާ ވަނީ ރާއްޖެ އާއި ބޭރުގެ ފޯރަމްތަކުގައި ބައިވެރިވެ ސައިބާ ބުލީ އާއި ސައިބާ ސޭފްޓީއާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްފައެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި މި ހަރަކާތުގެ ތެރެއިން ނޯޔާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުންނާ ބައްދަލުވެ ދަސްކުރުމުގެ ފުރުސަތު ފަހިވާނެއެވެ.

މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރާ ސެޓެލައިޓް އިފުތިތާޙުކުރުމަށް ރޭވިފައި ވަނީ މި އަހަރުގެ އޮކްޓޫބަރު 11 ގައެވެ. އޭގެ އިތުރުން އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވައިލާ ކިއުބްސެޓެއް ބިނާކުރުމުގެ މަސައްކަތުގައި ވެސް މި ބައިވެރިން ހިއްސާވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް