އަސްކަރީ ބޭސްގައި ފެންބޮޑުވެފައި --
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ދިބާންގް ވެލީ ޑިސްޓްރިކްޓުގައި އިއްޔެ ކުއްލިއަކަށް ފެންބޮޑުވެ އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އަސްކަރީ ކޭމްޕެއްގެ ދެ ޝެލްޓަރު ބިމާ ހަމަވެ ސިފައިންގެ ފަސް މީހަކު ގެއްލިއްޖެއެވެ.
އެ ސްޓޭޓް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެސްއީއޯސީ) އާ ޙަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މި ޙާދިސާ ހިނގީ ޕަސޫ ޕާނީ އާމީ ކޭމްޕު ނަމަކަށް ކިިޔާ އެ މަރުކަޒާއި 25 ކިލޯމީޓަރު ދުރުގައި އޮންނަ ކޯރެއް ކުއްލިއަކަށް ފުރި ބަންޑުންވެ ވަށައިގެންވާ ސަރަޙައްދުތަކަށް ފެތުރިގެންނެވެ.
ސުޕެރިންޓެންޑެންޓް އޮފް ޕޮލިސް ޕަންކަޖް ކުމާރު ވިދާޅުވި ގޮތުގައި ޕަސޫ ޕާނީ އާމީ ކޭމްޕުގެ 5 ވަނަ ގްރެނެޑިއާޒްގެ ދެ ޝެލްޓަރު ފެނިގެ ތެރެއަށް ދިޔައިރު ހަތް ސިފައިން ފެންގަޑާއި އެކު ދަމައިގަތެވެ. އޭގެ ތެރެއިން ދެ މީހަކު ސަލާމަތްކުރެވުނު ނަމަވެސް ފަސް މީހެއްގެ ޚަބަރެއް ނުވެއެވެ.
ހޯދައި ސަލާމަތްކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ކުމާރު ވިދާޅުވީ އެސްޑީއާރުއެފް އެންޑީއާރުއެފް އަދި ޑިސްޓްރިކްޓް ޑީޑީއެމްއޯ މިހާރު ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އެ މަސައްކަތުގައި 5 ވަނަ ގްރެނެޑިއާޒްގެ ދެ ޓީމެއްގެ އިތުރުން އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސް (އައިޓީބީޕީ)ގެ 58 ވަނަ ބެޓެލިއަން އާއި ޖެނެރަލް ރިޒާވް އެންޖިނިއާ ފޯސް (ޖީއާރުއީއެފް)ގެ 62 އާރުސީސީ އާއި އަރުނާޗަލް ޕްރަދޭޝް ފުލުހުންނާއި ރަށު ރައްޔިތުން ބައިވެރިވެއެވެ.
10 މީހުންގެ އެސްޑީއާރުއެފް ޓީމެއް ވެސް މި މަސައްކަތާ ގުޅިފައިވެއެވެ. ކޭމްޕާއި އެހެނިހެން ޢުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުން އަދި ވަޒަންކުރެވިފައެއް ނުވެއެވެ
ވަކި ޙާދިސާއެއްގެ ގޮތުގައި ހަމަ ހުކުރު ދުވަހު އަރުނާޗަލް ޕްރަދޭޝްގެ އަޕާ ސުބާންސިރީގައި ކެއޯޖަރިންގް-ބައިއެޗިންގް މަގު ކެނޑި ސައިޓެއްގައި ބިންގަނޑު ކަނޑައިގެން ގޮސް ހަތަރު މީހަކު މަރުވެފައިވެއެވެ. އެމީހުންގެ ހަށިތައް ފެނިފައިވާއިރު ގެއްލިފައިވ އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް