ފިތުނައިން ދުރުވެ ޤައުމިއްޔަތު ދިރުވަންޖެހޭ: ރައީސް މުއިއްޒު

ފިތުނަފަސާދައިގެ ޢަމަލުތަކުން ދުރުހެލިވެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. ސޯޝަލް މީޑިއާ މެދުވެ...

14 Aug 2026 | 07:05
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ފިތުނަފަސާދައިގެ ޢަމަލުތަކުން ދުރުހެލިވެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ މީގެ 467 އަހަރު ކުރިން ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވި ޕޯޗުގީޒުންގެ އިސްތިޢުމާރީ އަޅުވެތިކަމުން ރާއްޖެ މިންޖުކޮށްދެއްވި ބަޠަލުންގެ ޖިހާދުގެ ހަނދާންތައް މިއަދު އާވާ ކަމަށެވެ.

ބޭރުގެ ބާރުތަކުގެ ދަށަށް ރާއްޖެ ގެންދެވުނު ކޮންމެ ދަނޑިވަޅެއްގައި ވެސް އެކަމުގެ ފަހަތުގައި ޤައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ޚިޔާނާތް އޮތްކަން ތާރީޚުން ފެންނަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފަދަ ހިތި ތަޖުރިބާތައް ތަކުރާރުވިޔަ ނުދިނުމަށް ޢަޒުމް އާކުރުމަށް ވެސް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާލުވި އެވެ. މީގެ އިތުރުން ދިވެހި ކޮންމެ ދަރިއެއްގެ ހިތުގައި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ދެމެހެއްޓުމަށާއި އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވާލެއްވިއެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބާއްވާފައިވާ އިރު އެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ހެނދުނު ހއ. އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް