"ނަނާ ހުވަފެން ދުށީމޭ" ޅެން އެއްކޮށް ލިޔުއްވައި، ނަޝީދުގެ ނުސީދާ ރައްދެއް އިބޫއަށް!

އެމްޑީޕީގެ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ކުރައްވާ މަސައްކަތްޕުޅަށް އެ ޕާޓީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު "ނަނާ ހުވަފެން" ޅެން ޙިއްޞާ...

13 Aug 2026 | 18:04
ކުރީގެ ރައީސް ނަޝީދާއި އިބޫ -- ފޮޓޯ: މަޖިލީސް

ކުރީގެ ރައީސް ނަޝީދާއި އިބޫ -- ފޮޓޯ: މަޖިލީސް

އެމްޑީޕީގެ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ކުރައްވާ މަސައްކަތްޕުޅަށް އެ ޕާޓީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު "ނަނާ ހުވަފެން" ޅެން ޙިއްޞާކުރައްވައި ނުސީދާކޮށް މިރޭ ފާޑުވިދާޅުވެއްޖެއެވެ.

އިބޫގެ އަރިސް ބޭފުޅަކު މިއަދު ވަނީ 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އިބޫ މަޝްވަރާތައް ކުރިއަށް ގެންދަވާ ކަން މީޑިއާގައި ކަށަވަރުކޮށްދެއްވައިފައެވެ.

އެ ޚަބަރާ ގުޅިގެން ނަޝީދު ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވީ "ނަނާ ހުވަފެނުގެ" ޅެން ބައިތެކެވެ. އެ ޅެމުން ދޭހަކޮށްދެނީ ޙަޤީޤަތަކަށް ނުވާނެ ފަދަ ހިޔާލީ އުންމީދުތަކެއް ކުރުމުގެ ބޭކާރުކަމެވެ.

ނަޝީދު ތާއީދުކުރައްވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށެވެ.

2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވި އިބޫ ވަނީ އެންމެ ފަހުން ބޭއްވި ޕާޓީ ޕްރައިމަރީގައި ވެސް ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވައިފައެވެ. އެ ފަހަރު ނަޝީދާ ސީދާ ވާދަކުރައްވައި ނަޝީދުގެ މައްޗަށް އިބޫ ކުރި ހޯއްދެވީއެވެ.

ނަމަވެސް ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. އެ ޕާޓީން 2023 ގެ ރިޔާސީ ރޭހަށް ވަކި ކެންޑިޑޭޓަކު ނެރުމަކީ އިބޫ ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވުނު އެއް ސަބަބެވެ.

މި ފަހަރުގެ ޕްރައިމަރީ ރޭހާ ކުރިމަތިލެއްވިއިރު ނަޝީދު ގެންދަވަނީ ދެން އޮންނަ އިންތިޚާބެއްގައި އަމިއްލަފުޅަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. ނަޝީދު ހުންނެވީ ފައްޔާޒަށް ތާއީދުކުރައްވައިގެން ކަމަށް ވާއިރު 2028 ގެ ރޭހުގައި އެމްޑީޕީ ތެރޭގައި ވާދަވެރިކަން ބޮޑުވާނެ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް