ރޯހަން ޖާދަވް --
އިންޑިއާގެ ދުވަސްވީ މީހަކަށް ގުޅައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ އޮފިސަރުންގެ ގޮތުގައި ވާހަކަ ދައްކައިގެން އެމީހާ އަތުން 10.74 ކްރޯޑު އިންޑިއަން ރުޕީސް ފޭރިގަތް ސޯޝަލް މީޑިއާ އިންފުލުއެންޒަރެއް ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އިންޑިއާގެ ޕޫނޭ ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލަ އާއި ގުޅޭގޮތުން އެ ފަރާތުން ބުނީ 82 އަހަރުގެ ވިޔަފާރިވެރިޔާ އަތުން އެކި ފަހަރު މަތިން ގާނޫނީ ފިޔަވަޅުން ސަލާމަތްވާން ދައްކަން ޖެހޭ އެއްޗެއް ކަމަށް ބުނެ ފައިސާ ހޯދީ ދުވަސްވީ އެމީހާގެ ނަމުގައި މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ބުނެ ކަމަށެވެ.
އެ ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށްފައި ހުރުމުން އުމުރުން ދުވަސްވީ މީހާ ހުށަހެޅި މައްސަލައިގަ ކުރިޔަށްދާން އުނދަގޫވެފައި ވަނިކޮށް އޭގެ ތެރެއިން އެކަކު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުން ފުލުހުން ވަނީ އެމީހާ އާއި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައި އެވެ. އެ އެންމެންވެސް ބުނީ އެމީހާ އަތުން ޓްރާންސްފާ ކުރުވި ފައިސާތައް އެމީހުން ފޮނުވީ އިންޑިއާގެ އިންފްލުއެންޒަރު ރޯހަން ޖާދަވަށް ކަމަށެވެ.
ޕޫނޭ ފުލުހުންނަށް އޭނާ ހައްޔަރު ނުކުރެވުމުން ޖާދަވް އާއި ގުޅުން ހުރި ހުރިހާ ބޭންކް އެކައުންޓުތަކެއް ކޯޓު މެދުވެރިކޮށް ފްރީޒް ކުރީ އެވެ. ފުލުހުން ބުނީ އޭނާ އަމިއްލައަށް ކޯޓަށް ހާޒިރުވެ ފުލުހުންނާއި ހަވާލުވީ ހުރިހާ މާލީ ވަސީލަތްތަކެއް ބަންދުވުމުން ކަމަށެވެ.
ތަހުގީގަށް އެނގުނު ގޮތުގައި އެމީހާ އަތުން ފޭރިގަތް 10.74 ކްރޯޑު ރުޕީސް ޖާދަވް ވަނީ 5،436 ބޭންކް އެކައުންޓަކަށް ޖަމާކޮށްފައި އެވެ. އަދި އޭނާ ދިޔައީ ޓެލެގްރާމް މެދުވެރިކޮށް ހޮންގކޮންގައި ތިބި ބަޔަކާއި މުއާމަލާތްކޮށް އިންޑިއާއިން ބޭރު ފައިސާއަށް އެ ފައިސާ ބަދަލުކުރުމުގެ މުޢާމަލާތުތައް ޑިޖިޓަލް ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ހިންގަމުންނެވެ.
އަދި އެ ކަމުން ބޮޑެތި ކޮމިޝަންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް