ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ބޭރުކޮށްފިއެވެ. ނާޒިމް ވަޓްސްއެޕް ގުރ...

13 May 2026 | 04:59
N/A

N/A

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ބޭރުކޮށްފިއެވެ.

ނާޒިމް ވަޓްސްއެޕް ގުރޫޕުން ބޭރުކުރި ކަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް ބޭރުކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. އެ ވަޓްސްއެޕް ގުރޫޕުގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މިއީ ފާއިތުވި ދުވަސްތަކުގައި ޕީއެންސީގެ ތެރޭގައި ނާޒިމްގެ ހައިސިއްޔަތު ދަށްވަމުން ދިޔަ ކަމުގެ ނިޝާންތަކެއް ފެނުމަށް ފަހު ނެރުނު ނިޒާމީ ފިޔަވަޅެކެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމާއި، މަޖިލީހުގެ ނައިބު ރައީސް ކަމުން އޭނާ ދުރުކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެފަދަ ސަބަބެއް ވެސް މެދުވެރި ނުވާ ކަމަށެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް ނާޒިމް ވަކިކޮށް، އެންވަޔަރްމަންޓް ކޮމިޓީ އަށް ވަނީ ބަދަލުކޮށްފައެވެ. ނާޒިމް ވިދާޅުވެފައި ވަނީ، އެ ދެ ކޮމިޓީ އިން އޭނާ ވަކިކުރީ މަސައްކަތް ހުރި ގޮތުން ދެ ކޮމިޓީ އަށް ވަގުތު ނުދެވޭތީ، އެ ނިންމުމަށް އެއްބަސްވެވަޑައިގަތުމުން ކަމަށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ނައިބު ރައީސް ކަމަށް ނާޒިމް އިންތިޚާބު ކުރީ 28 މެއި 2024 ގައެވެ. ނައިބު ރައީސް ކަން ނާޒިމަށް ލިބިވަޑައިގަތީ 80 ވޯޓުންނެވެ. ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް