ވަފުދަށް މަރަޙަބާ ދެންނެވުމުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
1447 ވަނަ އަހަރުގެ ދިވެހި ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާ އިން ވަޑައިގެންނެވި މައްކާ ރޫޓު އިނީޝިއޭޓިވްގެ 18 ބޭފުޅުންގެ ވަފުދަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ހޫނު މަރުޙަބާ ދަންނަވައިފިއެވެ.
ވަފުދު ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. މި ވަފުދުގެ ބޭފުޅުން ރާއްޖޭގައި ތިއްބަވައި، ޙައްޖުވެރިން ފުރުމުގެ ކުރިން ސަޢުދީ އިމިގްރޭޝަން ނިންމައި، ފޮށިތައް ސީދާ މައްކާގެ ހޮޓަލާ ހަމައަށް ފޮނުވައިދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެއެވެ. މި އަހަރުގެ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް އަކީ ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަ ކޮށްދިނުމަށް ސަޢުދީ ޢަރަބިއްޔާ އިން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރާއްޖެ ހިމެނީ މިދިޔަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެ ޚިދުމަތް ރާއްޖޭގައި އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެ ރަސްމިއްޔާތުގައި މައްކާ ރޫޓު ކޮމިޓީގެ ޗެއާމަން އަދި ސަޢުދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން ޢަބްދުލްޢަޒީޒް އަލްޔަޙްޔާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ރާއްޖެ އަށް ލިބިފައި ވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އިން ސަޢުދީ ޢަރަބިއްޔާގެ ކަމާ ބެހޭ އިސް ވެރިންނާ އެކު ކުރެވުނު މުހިންމު މަޝްވަރާތަކަކަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް