ރައީސް ޔާމީންގެ ޕާޓީ ލައްކައަކުން ޖޫރިމަނާކޮށް ވަކި ވަކި ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ސިޔާސީ ޕާޓީގެ ޤާނޫނާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އިތުރަށް ޚިލާފުވާ ނަމަ ވަކި ވަކި ފަރާތްތަކާ މެދު ވެސް ޤާނޫނީ ފިޔަވަޅު އ...

11 May 2026 | 07:19
ރައީސް ޔާމީން ޖަލު ބަންދުން ގެއަށް ބަދަލުކުރި ދުވަހުގެ މަންޒަރެއް -

ރައީސް ޔާމީން ޖަލު ބަންދުން ގެއަށް ބަދަލުކުރި ދުވަހުގެ މަންޒަރެއް -

ސިޔާސީ ޕާޓީގެ ޤާނޫނާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އިތުރަށް ޚިލާފުވާ ނަމަ ވަކި ވަކި ފަރާތްތަކާ މެދު ވެސް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީ އިން އިއްޔެ ޕީއެންއެފްގެ ރައީސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޮނުއްވި ސިޓީގައި ބުނީ، ޕީއެންއެފް އާއި އެ ޕާޓީ އަށް ތާއީދުކުރާ ފަރާތްތަކުން މިދުވަސްވަރު ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާ އާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށެވެ.

އީސީ އިން ފާހަގަކުރި ޚިލާފުތަކުގެ ތެރޭގައި، އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސް އެޅޭ ފަދަ ޢަމަލު ކުރުމާއި، އެހެން ޕާޓީއެއްގެ ބައްދަލުވުމެއް ހިނގަމުންދާ ތަނެއްގައި އެ ވަގުތާ ދިމާކޮށް ޙަރަކާތް ބޭއްވުމާއި، ހުއްދަ ނޫން ތަންތާނގައި ޢާންމު ބައްދަލުވުން ބޭއްވުމާއި، ޢާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތު 24 ގަޑިއިރު ކުރިން ކޮމިޝަނަށް ނާންގައި ޙަރަކާތް ބޭއްވުން ހިމެނެއެވެ.

އީސީ އިން ބުނީ މި ޚިލާފުތައް ފާހަގަކޮށް ކުރިން ނަސޭޙަތްތެރިވެ، ސިޓީ ފޮނުވައި، ކޮމިޝަނާ ބައްދަލުކުރުމަށް ދަޢުވަތު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް ޕީއެންއެފުން ސިޓީ އަށް ޖަވާބެއް ދީފައި ނުވުމުގެ އިތުރުން، ކޮމިޝަނާ ބައްދަލުކުރުމަށް ވެސް އިންކާރުކޮށްފައިވާ ކަމަށް އީސީ އިން ބުންޏެވެ.

ޕީއެންއެފް ޖޫރިމަނާ ކޮށްފައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުންނެވެ. އީސީ އިން ވަނީ ޕީއެންއެފް އާއި އެ ޕާޓީ އަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ޙަރަކާތްތަކުގައި ޤާނޫނާ ޚިލާފު ޢަމަލު ނުހިންގުމަށް އިލްތިމާސްކޮށް، ތަކުރާރު ކުރާ ނަމަ ވަކި ވަކި ފަރާތްތަކާ މެދު ވެސް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް