މިއީ 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރު -
ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން
އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ
ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު)
1% އަށް ކުޑަކޮށްފިއެވެ.
ބޭންކުން މިއަދު ބުނެފައިވާގޮތުގައި މިއީ ބޭންކުގެ
43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް
ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަން
ބޭންކުން ފާހަގަކުރެއެވެ.
އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ
ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ
އަތުން ނަގާ ކޮމިޝަނެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޚިދުމަތް 2000 ވަނަ އަހަރު
ތަޢާރަފުކުރި ފަހުން މިހާތަނަށްވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ %2.5 ގެ ސްޓޭންޑަރޑް
ރޭޓެއްގައެވެ. މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރެވެ. މިއީ މިހާރު ބީއެމްއެލްގެ
ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ
ސީދާ ފައިދާކުރާނެ މުހިންމު ބަދަލެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ
މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ
ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަކަމަށާއި އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި
ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް
މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު ބންކުން ވަރަށް ބޮޑަށް ފަހުރުވެރިވާކަމަށެވެ.
"މާޗަންޓް ފީ %1 އަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް،
މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން
ގަބޫލުކުރަން"
ބީއެމްއެލްއިން ބުނެފައިވެއެވެ.
އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން
ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް
އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތަޢާރަފުކޮށްފައެވެ. ރަހުނަކާ ނުލައި
ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން
ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި،
ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސްގޮތެއްގައި ފައިސާ ލިބޭނެއެވެ. މި ފައިސާ އަނބުރާ
ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ
މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މި ބަދަލުތަކުގެ އިތުރުން،
ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް
އިތުރުކޮށްފައެވެ. ކާޑު މެޝިނުން ކުރާ މުޢާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް
އިތުރުކޮށްފައިވާއިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ 11 ނޮވެންބަރު 2025 އިން ފެށިގެންނެވެ.
އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރުވެސް
ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ
ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެއެވެ.
ބޭންކުގެ ޚިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް
ވެސް އަމާޒުކޮށްފައިވާ މި ފިޔަވަޅުތަކުން ދައްކުވައިދެނީ، ގައުމީ ޚިދުމަތުގައި 43 ހޭދަކޮށްފައިވާ
ބީއެމްއެލް އަކީ ހުރިހާ ދާއިރާއެއްގެ ދިވެހިންނަށްވެސް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް
ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ދޭ ތަނެއް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް