ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރި ނުވެވުނު ސަބަބު ސަރުކާރުން ހާމަކޮށްފި

އީރާނުގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބޭފުޅަކަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރ...

08 Jul 2026 | 17:59
އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާ --

އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާ --

އީރާނުގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބޭފުޅަކަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް އީރާނުން ދިވެހި ސަރުކާރަށް ދައުވަތު ދިން ކަމަށެވެ. އެ ދައުވަތާ ގުޅިގެން ރާއްޖެއިން ސައުދީ އަރަބިއްޔާ އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނިންމައި އީރާނަށް ރަސްމީކޮށް އެންގި ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް ފުރާވަޑައިގަތުމާ ގާތްވެފައި ވަނިކޮށް އީރާން އެމްބަސީން އެންގީ ބޭރު ޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ފެންވަރުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.

އެ މައުލޫމާތު ލިބުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ފޮނުއްވުމުގެ މަސައްކަތް ފެށި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް ތެހެރާނަށް ދިއުމުގެ ފްލައިޓުތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވާ ކަމަށާއި ސްޓޭޓް މިނިސްޓަރަށް ތެހެރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް އީރާން އެމްބަސީން އެންގިއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުއްވަން ނިންމި ނިންމުމަށް ޝުކުރު އަދާކުރައްވައި އެ ވަގުތު ދަތުރު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު ވަޑައިގެންނެވުމަށް އީރާން ސަރުކާރުން ލަފާ ދެއްވި ކަމަށެވެ.

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮރިން މިނިސްޓަރު ވަނީ އީރާނުގެ ފޮރިން މިނިސްޓަރަށް ތައުޒިޔާ މެސެޖެއް ފޮނުއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް