N/A
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ އެ މަޤާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާޠިމަތު އަމީޒާ ކަމަށެވެ.
މުޙައްމަދު ޙަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަނުން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވައި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަންނަވަން އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް