ކުރީގެ ރައީސް ނަޝީދު -- ފޮޓޯ: އެމްޑީޕީ
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރައްވަން އުފެއްދެވި އިއްތިހާދުން އަދި ބޭއްވީ އެންމެ ތިން ބައްދަލުވުން ކަަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް މާބާރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެއްކޮށް ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިއްތިހާދެއްގެ މަސައްކަތް އޮނިގަނޑަކުން ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ތިން ފަރުދަކު ކަންބޮޑުވާ ކަންތައްތަކެއް ހުރެ އެކުގައި މަސައްކަތް ކުރުމަކީ ވިސްނިދާނެ ކަމެއް ކަމަށެވެ.
މިފަހުން ކުރީގެ ރައީސް ޔާމީން ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވުމާ ގުޅިގެން ނަޝީދު ވިދާޅުވީ އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ ކަމަށެވެ. ސިޔާސީ ބޭފުޅުން އެގޮތަށް ފާޑުވިދާޅުވުން ގެންގުޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ތިން ރައީސުން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު މަސައްކަތް ކުރިއަށް ގެންދާނެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލުމަށް މަންދޫބުންގެ ކޮމިޓީއެއް އެކުލަވާލެއްވިއެވެ.
ނަޝީދުގެ ފަރާތުން ކަނޑައެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބުންނަކީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާއި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޔާމީންގެ ފަރާތުން ކަނޑައެޅުއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އިސްމާއީލް ޒަރިޔަންދެވެ.
ތިން ރައީސުން މިހާތަނަށް ބައްދަލުކުރައްވާފައިވަނީ އެންމެ ފަހަރަކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް