ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ. ޝުޖާއު ތިނަދޫ ކައުންސިލަށް އިންތިހާބުވީ ދަ ޑިމޮކްރެޓިކްސްގެ ފަރާތު...

03 Jul 2026 | 18:10
އަލީ ޝުޖާއު --

އަލީ ޝުޖާއު --

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.

ޝުޖާއު ތިނަދޫ ކައުންސިލަށް އިންތިހާބުވީ ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކޮށްގެންނެވެ. އޭގެ ފަހުން މެމްބަރުން ހަމަ ނުވާތީ އެ ޕާޓީޯ އުވާލުމުން ޝުޖާއު ވަނީ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހު އެމްޑީޕީ އާއި ގުޅިވަޑައިގެންފަ އެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނު ފަހުން ޝުޖާއު އެހެން ޕާޓީއެއްގެ ދަފްތަރުގައި ޖެހިފައިވާ ކަމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީކޮށް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެލްޖީއޭއިން ބުނީ އެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި އެކަން އީސީއަށް އަންގަން އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭގެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގަ އެލްޖީއޭ އިން ވަކިގޮތެއް އަންގަންދެން މިދިޔަ މަހުގެ ކޮރީކޮޅުން ފެށިގެން ޝުޖާއު ހުރީ ސަސްޕެންޑު ކޮށްފައި އެވެ. އަދި ކައުންސިލް ހިންގުން ހަވާލުކޮށްފައިވަނީ ވަގުތީ ގޮތުން ނައިބު ރައީސް އާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް