ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު -
ފެނަކަ އަދި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ނުހައްގު
މަންފާ ލިބުނު އާންމު މީހުންގެ ބައިގެ ފުޅާ ތަޙްޤީޤެއް ކުރިއަށް ގެންދިޔުމަށް
ދިވެހި ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާނެކަމުގައި
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ އެ ދެ
މައްސަލައާއި ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފެނަކައިގެ ޚިޔާނާތުގެ
މައްސަލަތަކަކީ އެ އޮފީހުން ޚާއްޞަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަޙްޤީޤު
އަވަސްކޮށްދިނުމަށް އެދި އޭސީސީގައި ދަންނަވާފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން،
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައްދުވާ ގޮތަށް ނެރެފައިވާ، އަމުރާ އެކު، އިރުޝާދެއް
ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި އެ މައްސަލަތަކުގެ
ތަޙްޤީޤު ފުރިހަމަކޮށް، ހުށަހެޅުމަށް ދަންނަވާފައިވާނެކަމަށެވެ.
ހަމަ މިފަދައިން، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް
ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް
ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް،
މި އޮފީހަށް ހުށަހެޅުމަށްވެސް 19 ޖަނަވަރީ 2025 ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި
ދަންނަވާފައި ވާނެ" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އަދި ދެންނެވުނު އެއްބަސްވުންތައް ރައްދުވާ މީހުންގެ
މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު އެ އޮފީހާ މަޝްވަރާކުރުމަށް
08 އޮކްޓޫބަރު ވާ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދު އޭސީސީއަށް
އަންގާފައިވާނެ ކަމަށާއި އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ
މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް
މިހާރު ކުރަމުން އަންނަ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ފެނަކަ އަދި
އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅޭ މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން 7/24 އޭސީސީއަށް
ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް
އެކުލަވާލާފައިވާނެކަމަށެވެ.
"މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ
ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި
ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް
ގެންދިޔުމަށް ދަންނަވާފައިވާނެ، މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން
ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ
މަސައްކަތް މިދަނީ ކުރެވެމުން" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން އިތުރަށް ބުނެފައިވަނީ ދައުލަތުގެ ފައިސާއަށް
ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ
އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް އެ އޮފީހާއި، އޭސީސީއާއި ދިވެހި ފުލުހުންގެ
ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް