ކެމްޕެއިން ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: ޕީއެންސީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު
އެއް ތާރީޚެއްގައި ބޭއްވުމުން، ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ހޮވޭނީ ކޮން
ބޭފުޅެއްކަން ނޭނގި ތިބެ ރައްޔިތުން މެމްބަރުން އިންތިޚާބު ކުރާނެ ކަމަށާއި، މީގެ
ސަބަބުން މަޖިލީހަކީ ސިޔާސީ ގޮތުން މިނިވަން އަދި ތަފާތު ފިކުރުތައް ހިމެނޭ
ތަނަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ
ބަޔާންކުރައްވައިފިއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން
ރައީސް ފާހަގަކުރެއްވީ، ރިޔާސީ އިންތިހާބަށްފަހު ހަ މަސް ފަހުން މަޖިލިސް
އިންތިހާބު ބޭއްވުމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ. ވެރިކަން ކުރާ
ޕާޓީން އަމިއްލަ މަންފާއަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާތީ، އިންސާފުވެރި
އިންތިހާބެއް ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ.
ޑިމޮކްރަސީއެއްގައި އިންތިހާބުތަކަކީ މިނިވަން އެއްޗަކަށް
ވާންޖެހޭއިރު، ސަރުކާރު ކެންޑިޑޭޓުންނާއި އެ ނޫން ކެންޑިޑޭޓުންގެ ގޮތުގައި
ބެހިގެން ދިއުމަކީ އެކަމަށް އޮތް ގޮންޖެހުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ދެ
އިންތިހާބު އެކުއެކީގައި ބޭއްވުމުން އެއްވެސް ކެންޑިޑޭޓަކަށް "ސަރުކާރުގެ
ކެންޑިޑޭޓް" ގެ ލޭބަލް ބޭނުން ނުކުރެވޭނެއެވެ. މީގެ ސަބަބުން މަޖިލީހުގެ
ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ
ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭޕް މަނާކުރުން ފަދަ ބައެއް
ނިންމުންތަކަކީ އާންމުންގެ މެދުގައި މަގުބޫލު ނޫން ކަންކަމަށް ވިޔަސް،
އެމަނިކުފާނުގެ އަމާޒަކީ ގައުމުގެ މުސްތަގުބަލަށްޓަކައި މުހިންމު ފިޔަވަޅުތައް
އެޅުން ކަމަށް ވިދާޅުވެ، ގައުމީ މަސްލަހަތު އިސްކުރުމުގެ މުހިންމުކަން
ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް