ސަރުކާރު ޕާޓީގެ މޭޔަރަލް ކެންޑިޑޭޓް، މޫސާ އަލީ ޖަލީލު - ފޮޓޯ: ކެމްޕޭނު ޓީމް
މާލެ ސަރަހައްދުގެ ބިމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް، މާލޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ އާ އުއްމީދުތަކެއް ލިބިގެންދާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ބައި-އިލެކްޝަނާ ގުޅިގެން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސިޔާސީ ވާދަވެރިންގެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
މޫސާ ޖަލީލް ފާހަގަކުރެއްވި ގޮތުގައި މާލެއާއި، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން ސަރުކާރުން އެކުލަވާލާފައިވާ ބިޔަ މާސްޓާ ޕްލޭނުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި އޭނާގެ މާޒީއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އޭނާއަކީ 1980 ގެ އަހަރުތަކުގައި މާލޭގެ މަގުތައް ހެދުމުގައި އަމަލީ ގޮތުން ބައިވެރިވެ، 1987 ގެ ބޮޑު ރާޅު އެރުމުގެ ހާދިސާގައިވެސް ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިހުރި މީހެއް ކަމަށެވެ. މީގެ އިތުރުން 1988 ގެ ނޮވެމްބަރު ތިނެއް ގެ ހަމަލާގައި ގައުމުގެ ސަލާމަތަށްޓަކައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައްވެސް އޭނާ ހަނދާން އާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި މޫސާ ޖަލީލް ވިދާޅުވީ، އޭނާއަކީ އަބަދުވެސް ހީވާގިކަމާއެކު ގައުމީ ޚިދުމަތުގެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އޭނާގެ މޭޔަރުކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޕާކިންގެ މައްސަލަތައް ހައްލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރާ ގުޅިގެން ފައްޓަވާނެ ކަމުގެ ވައުދުވެސް އޭނާ ވެވަޑައިގެންނެވިއެވެ.
މާލޭގެ ބިން އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ހިމެނޭ "ޗާލު މާލެ" އެއް ބިނާކުރުމަކީ އޭނާގެ މުހިންމު އަމާޒެކެވެ. މަގުތަކުގެ މައްސަލައަކީ މާލޭގެ ދެވަނައަށް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާއިރު، ރައްޔިތުންގެ އިތުބާރާއެކު އެކަންކަމަށް ހެޔޮ ބަދަލެއް ގެނައުމަށް އިސްކަންދެއްވާނެ ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް