ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި ނީއޯ ނާޒީ ޖަމާއަތުގެ ލީޑަރު ރޯހަން ރާނޭއަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށް އަނިޔާވެރި ވީޑިއޯ އުފެއްދުމަށް މަޖުބޫރުކުރި ބައިނަލްއަގުވާމީ ކުށުގެ ވިއުގައެއް ހިންގި އިންޑިއާ ފިރިހެނަކަށް ޕެރިހުގެ ކޯޓަކުން މިއަދު 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އުމުރުން 29 އަހަރުގެ ރޯހަން ރާނޭ ނަމަކަށް ކިޔާ މި މީހާ ލީޑަރެއްގެ ގޮތުގައި ހިންގި "ސީވީއެލްޓީ" ޖަމާއަތުން ނިޝާނަ ކުރީ ނާޒުކު ހާލަތުގައި ތިބި ކުޑަ އަންހެން ކުދިންނެވެ. މީގެ ތެރޭގައި ގިނައީ 15 އަހަރު ނުފުރޭ އެމެރިކާ ކުދިން ކަމަށް ކޯޓުގައި ބުނެފައިވެއެވެ. ދައުވާ ކުރި ފަރާތުން ރާނޭ ސިފަކުރީ ނީއޯ ނާޒީ ފިކުރަށް ތާއީދުކުރާ، ސެޑިޒަމާއި ހައްދުފަހަނަ އެޅި އަނިޔާވެރިކަމަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. ދައުވާ ކުރި ފަރާތުން އެދުނީ 30 އަހަރުގެ ޖަލު ހުކުމެކެވެ.
ފަސް ދުވަހުގެ އަޑުއެހުންތަކަށް ފަހު ކޯޓުން ރާނޭ ކުށްވެރިވާ ކަމަށް ނިންމީ ޖަމާއަތެއް ބޭނުންކޮށްގެން ބިރުދެއްކުމާއި، ގުރުބާނީންނަށް އަނިޔާކޮށް ވޭންދިނުމުގެ ކުށުގައެވެ. މި ޖަމާއަތް ހަރަކާތްތެރިވާން ފެށީ ކޮވިޑް 19 ބަލިމަޑުކަމުގެ ކުރީ ދުވަސްވަރު ޑިސްކޯޑް ޕްލެޓްފޯމުގައެވެ. ނާޒީ ފިކުރާއި ނަސްލީ ތަފާތުކުރުމާއި ނިހިލިޒަމްގެ މައްޗަށް ބިނާވެފައި އޮތް މި ގްރޫޕުން އޮންލައިން ފޯރަމްތަކުގައި ނާޒުކު ކުދިން ދެނެގަނެ، ބަރަހަނާ ފޮޓޯ ފޮނުވަން ހައްލާލައެވެ. އެއަށް ފަހު އާއިލާއާއި ސްކޫލް ރައްޓެހިންނަށް އެ ފޮޓޯ ފެންނާނެ ކަމުގެ ބިރުދައްކައިގެން، ޖިންސީ އަމަލުތައް ކުރުމަށާއި ވަޅިން އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަށް މަޖުބޫރުކުރީއެވެ. ތަހުގީގު ކުރި ފަރާތްތަކުން ބުނީ ގިނަ ގުރުބާނީންނަކީ ކަޅު ނަސްލުގެ ނުވަތަ ޔަހޫދީ ކުދިން ކަމަށެވެ. ބައެއް ކުދިންނަށް ނާޒީ ސްވެސްޓިކާ ނިޝާނާއި އެ މީހުންގެ އަނިޔާވެރިންގެ ނަންތައް ހަންގަނޑުގައި ކޮށައިގެން ލިޔަން މަޖުބޫރުކޮށްފައިވެއެވެ. އެ މީހުން އަމިއްލައަށް ކިޔައި އުޅުނީ "ވޯ ލޯޑްސް"އެވެ.
ރާނޭ ފުރަތަމަ ހައްޔަރުކުރީ 2021 ވަނަ އަހަރު ފުރާންސުންނެވެ. ކެނެޑާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ކުދިންނާ ދެކޮޅަށް ހިންގި މި ޖަރީމާތައް ފުރަތަމަ ފެންމަތިކުރީ ގެއްލިފައިވާ އަދި ބޭނުންކޮށްލެވިފައިވާ ކުޑަކުދިންނާ ބެހޭ އެމެރިކާގެ ގައުމީ މަރުކަޒުން 2020 ވަނަ އަހަރުއެވެ. އެ މަރުކަޒަށް ފެނުނީ 12 އަހަރުގެ ކުއްޖެއްގެ އުނދަގޫ ކުރުވަނިވި ފޮޓޯތަކެއް ކަމަށާއި، އެ ކުއްޖާގެ ހަންގަނޑުގައި "ރޯހަން" ޖަހައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދައުވާ ރައްދުވި ފަރާތުގެ ގްރޫޕުގެ ފިރިހެން މެންބަރުން ނިސްބަތްވީ އެމެރިކާ، އިންޑިއާ، ޖަރުމަނު އަދި ނިއު ޒީލެންޑަށެވެ. އެ ގްރޫޕުގެ 26 އަހަރުގެ އެމެރިކާ މެންބަރެއް، 12 އަހަރުގެ ކުއްޖެއް ރޭޕް ކުރި މައްސަލައިގައި އެމެރިކާގައި ޖަލަށް ލައިފައިވެއެވެ.
ރަސްމީ ޝަކުވާ ހުށަހެޅީ ހަ އަންހެން ކުދިން ކަމަށާއި، މިހާރު އެ ކުދިންގެ އުމުރަކީ 18 އާއި 21 އާ ދެމެދު ކަމަށް ކޯޓުން ބުނެފައިވެއެވެ. ގާތްގަނޑަކަށް 20 ގުރުބާނީން ދެނެގެނެވުނު ނަމަވެސް، ދެން ތިބި ފަރާތްތަކާ ގުޅޭ ގޮތެއް ނުވި ކަމަށް ދައުވާ ކުރި ފަރާތުން ބުންޏެވެ. ގުރުބާނީންނާއި ހެކިވެރިންނާ އަދި ބައެއް އެމެރިކާ ދައުވާ ކުރި ފަރާތްތަކަށް ވެސް ބިރުދައްކާފައިވާ ކަމަށް ކޯޓުގައި ބުނެފައިވެއެވެ. ފުރާންސުން ހުކުމް ތަންފީޒުކޮށް ނިމުމުން ރާނޭ އެމެރިކާއަށް ގެންދިޔުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތް ދީފައިވެއެވެ.