Advertisement

ގަލޮޅު ގެއަކުން ގިނަ އަދަދެއްގެ ފައިސާ ފޭރުމުގެ އަޑީގައި ހުރި ކަމަށް ވަނީ އާއިލާ މީހެއް - އެމީހާ ބުނަނީ ގޭމެއްގެ ތެރެއިން ދިމާވި މީހަކު އޭނާވެސް ރަހީނު ކުރި ކަމަށް!

10 Oct 2026 | 17:26
-

މާލޭ ގަލޮޅުގެ ގެއަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ވަޅިން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލައިގައި އާއިލާ މީހެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް އޭނާ ހިމެނޭ ގޮތަށް ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އެކަކީ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު އަލީދީދީ، 44 އެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ފޭރުމުގެ ތުހުމަތެވެ. ކޯޓުން ވަނީ އޭނާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

Advertisement

ތަހުގީގީ އޮފިސަރު (އައިއޯ) ކޯޓުގައި ފާހަގަކުރި ގޮތުގައި، ފޭރުމުގެ އަމަލު ހިންގި މީހުން ހާދިސާގެ ކުރިން ޒާހިރާ އެކު ހަރަކާތްތެރިވެފައިވާ ކަމަށާއި، އެ ގެއަށް ވެސް ދިޔައީ އޭނާއާ އެކުގައި ކަމަށެވެ. އޭގެ އިތުރުން، ހާދިސާ ހިނގި ފަހުން ހައްޔަރުކުރެވެންދެން ޒާހިރު އެ ގެއަށް އެނބުރި ގޮސްފައި ނުވާ ކަމަށާއި، އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރުކުރުމުގެ އޮޕަރޭޝަނެއްގައި އެ މީހާއާ އެކު ހުއްޓައި ޒާހިރު ހައްޔަރުކުރެވުނު ކަމަށް ވެސް އައިއޯ ބުންޏެވެ.

ޒާހިރު ދިފާއުގައި ބުނެފައި ވަނީ ފޭރުން ހިންގި މީހާ އަކީ ގޭމެއް ކުޅުމުގެ ތެރެއިން ދިމާވި މީހެއް ކަމަށާއި، އެ މީހުން އޭނާ ވެސް ހިފެހެއްޓައި ގެއަށް ނުވަދެވޭ ގޮތް ހެދުމަށް ފަހު ތަޅުދަނޑި ހިފައިގެން ގޮސް ކުރިކަމެއް ކުރީ ކަމަށެވެ. އެ ކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓުތަކާ ހަވާލާދީ ބެލެވޭ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގޭގައި ތިބި ތިން މީހަކު ރަހީނުކޮށް، ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ގެންގޮސްފައިވެއެވެ. ފޭރުނު ތަކެތީގެ ތަފުސީލް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް