10 ރުފިޔާގެ އައު ނޫޓު އެޕްރީލް އެކަކުން ފެށިގެން ދައުރުކުރަނީ

ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ގެނެސް، އެޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރަން ނިންމައިފިއެވެ. އ...

30 Mar 2026 | 08:11
N/A

N/A

ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ގެނެސް، އެޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރަން ނިންމައިފިއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށް ވާތީ ވިޔަފާރީގެ މުޢާމަލާތްތަކުގައި މާރުކުރުމަށް ގިނައިން ބޭނުންކުރެއެވެ. އެހެންކަމުން ނޫޓު ހަލާކުވާ މިންވަރު އިތުރުވާ ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުޢާމަލާތްތަކުގައި މި ނޫޓު ޢާންމުކޮށް ބޭނުންނުކުރާތީ ބޭންކުތަކުންވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މިހާރު ބޭނުންކުރާ ނޫޓް ސީރީޒް ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ބާ ނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އައު ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. ނޫޓުގައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި 31 ގެ ތާރީޚެވެ. މި ޗާޕުގެ ދެ ފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އައު ނޫޓާ އެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

ރަންދިހަފަހެއް ސީރީޒް ތަޢާރަފްވި ފަހުން 10 ރުފިޔާގެ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު ފަހެއްގެ ތާރީޚުގައި ކުރީގެ ގަވަރުނަރު ޢަޒީމާ އާދަމްގެ ސޮޔާ އެކުއެވެ. ދެ ވަނަ ފަހަރަށް ޗާޕްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު ކުރީގެ ގަވަރުނަރު އަޙްމަދު ނަޞީރުގެ ސޮޔާ އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް