N/A
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޓިކްޓޮކް
މުބާރާތެއް ކުރިއަށްގެންދިއުމަށް ނިންމައި އެކަން އިލެކްޝަންސް ކޮމިޝަނުން
އިޢުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން ބުނެފައިވާގޮތުގައި 18 އަހަރުން
މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ ގޮތަށް އާންމުކޮށް
ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ، ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ
އިންތިޚާބު 2026 އާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި،
އިންތިޚާބުގެ އެކިއެކި މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން
އިތުރުކުރުމާއި، އިންތިޚާބާ ގުޅިގެން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް
މަދުކުރުމަށް ފަރުދީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުމެވެ.
މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ
ފަރާތްތަކުން، 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، އޮންލައިން
ފޯމެއް މެދުވެރިކޮށް ރަޖިސްޓަރކުރުމަށް ބުނެފައިވެއެވެ.
ފޯމު ލިންކް: https://tinyurl.com/TikTokmubaaraaiyRegistration
މުބާރާތުގައި އަމިއްލަ ފަރުދަކަށްވެސް އަދި
ޓީމެއްގެ ގޮތުގައިވެސް ބައިވެރިވެވިދާނެކަމަށްވެސް ބުނެފައިވެއެވެ.
އީސީން ބުނެފައިވާގޮތުގައި މުބާރާތުގައި
ބައިވެރިވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޓިކްޓޮކް ޕްލެޓްފޯމަށް އެންމެ
އެކަށޭނަ ގޮތަށް، މަދުވެގެން 30 ސިކުންތާއި ގިނަވެގެން 90 ސިކުންތުގެ ދިގުމިނަށް
ވީޑިއޯ ތައްޔާރުކުރުމަށް ހަތަރު މަޢުޟޫއެއް ދެވޭނެއެވެ.
މަޢުޟޫޢުތައް
- ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް
- އިންތިޚާބެއްގެ ތެރޭގައި ކޮށްގެންނުވާނެ ކަންކަން
- ރަށު/ސިޓީ އަށް ޙާއްސަ އިންތިޚާބުތަކުގައި (ލޯކަލް
ކައުންސިލްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ވޯޓުލުމުގެ
މުހިއްމުކަން
- އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މަޢުލޫމާތު
ފޯރުކޮށްދިނުމާއި އެކިއެކި މަސްދަރުތަކުން ލިބޭ މަޢުލޫމާތުގެ ޞައްހަކަން
ކަށަވަރުކުރުމުގެ މުހިއްމުކަން
މުބާރާތުގައި ވާދަކޮށް ހުށަހަޅާ ވީޑިއޯތަކުގެ
ތެރެއިން، އެންމެ ގިނަ މާރކްސް ލިބޭ ވީޑިއޯތަކަށް ބަލައި، އެއްވަނަ، ދެވަނަ އަދި
ތިންވަނަ ހޮވަން ނިންމާފައިވެއެވެ. މި
ގޮތުން، އެއްވަނަ އަށް 5000 ރުފިޔާ، ދެވަނަ އަށް 3000 ރުފިޔާ، ތިންވަނަ އަށް 2000
ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެކަމަށް ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރާ
ޓީމުތަކުން ތައްޔާރުކުރާ ވީޑިއޯތައް، 2026 ޖަނަވަރީ 10 ވާ ހޮނިހިރު ދުވަހުގެ 14:00
ގެ ކުރިން ހުށަހަޅަންޖެހެއެވެ.
އިތުރު މަޢުލޫމާތު ލިބޭނެ ލިންކު:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް