ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް
މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ
ޖަލީލަށް ތާއީދުކުރައްވައި، އެމަނިކުފާނު އެންޑޯޒްކުރައްވާފައިވާކަން ޖުމްހޫރީ
ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިޢުލާން ކުރައްވައިފިއެވެ.
ޤާސިމް މިކަން
ހާމަކުރެއްވީ މިއަދު އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި
ރެކޯޑްތަކެއް އޮތް ބޭފުޅެއްކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ،
އެމަނިކުފާނަކީ މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ
ބަޠަލެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދައުލަތުން އަގުވަޒަންކުރައްވައި ނިޝާން
ޢަސްކަރީގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފް އަރުވާފައިވާ ބޭފުޅެއްކަންވެސް ޤާސިމް
ފާހަގަކުރެއްވިއެވެ.
ޤާސިމްގެ ޕޯސްޓުގައި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ
ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމަށް މޫސާ ޢަލީ ޖަލީލު ކުރެއްވި
ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ. "މޭ
އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި
އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު
ސާބިތުކޮށްދޭ،" ޤާސިމް ވިދާޅުވިއެވެ.
މީގެއިތުރުން، މޫސާ ޢަލީ ޖަލީލަކީ އެކި ސަރުކާރުތަކުގައި
ހަވާލުކުރެއްވި ކޮންމެ މަޤާމެއްގެ ޒިންމާވެސް ތެދުވެރިކަމާއެކު އަދާކުރެއްވި،
ފަސްބައިގައި ކިލަނބުކަމެއް ނެތް ތަޖްރިބާކާރު ޝަޚްޞިއްޔަތެއްގެ ގޮތުގައި ޤާސިމް
ސިފަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ،
ޚުލްޤު ހެޔޮ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވި ގޮތުގައި މާލެ ސިޓީ ހިންގުމުގެ އެންމެ
އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި އަދި ޤާބިލް
އެހެން ކެންޑިޑޭޓަކު ނެތެވެ. އެހެންކަމުން، މާލެ ސިޓީ ހިންގުމަށް މުރާލި އަދި
ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ރައްޔިތުން، ކެންޑިޑޭޓް ނަންބަރު 4، މޫސާ
ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް