N/A
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ
މުވައްޒަފުން ހޯދުމަށް ދެ ވަނަ ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް އިލެކްޝަންސް
ކޮމިޝަނުން ނިންމައިފިއެވެ.
އެގޮތުން، ޑިސެންބަރު 26 ވާ ހުކުރު ދުވަހު، ކާމިލް ދީދީ
ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2) ގައި ހަވީރު 4 އިން ރޭގަނޑު 10އަށް އަދި ޑިސެންބަރު
27 ވާ ހޮނިހިރު ދުވަހު، ކަލާފާނު ސްކޫލު ގައި ހަވީރު 4 އިން ރޭގަނޑު 10އަށް ވޯކް -އިން
އިންޓަރވިއު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށް އިލެކްޝަންސް އިން
ބުނެފައިވެއެވެ.
"އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން
ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް
ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނޭ، ވޯކް-އިން އިންޓަރވިއުއަށް
ހާޟިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް ހާއްސަ
ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެއް" އީސީއިން ބުނެފައިވެއެވެ.
އީސީއިން ބުނެފައިވާގޮތުގައި ވޯކް-އިން އިންޓަރވިއުގައި
ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމާއި ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓަރީކޮށްދިނުމާއި
އެޕްލިކޭޝަން ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާ
އިންޓަރވިއުކޮށް ވަޒީފާއަށް އެދޭ މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު
ދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވޯޓުލާ ދުވަހު ވޯޓުލާ
މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް މައި ޕޯޓަލް
މެދުވެރިކޮށް އެޕްލައި ކުރާނެގޮތުގެ މަޢުލޫމާތު ދިނުންވެސް މި ވޯކް-އިން އިންޓަރވިއު
ތެރޭގައި ކުރިއަށްދާނެއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަކަމާއެކު އޮފިޝަލަކަށް
ކުރިމަތިލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން
ހޯދުމަށް މިއަހަރުގެ އޮގަސްޓު މަހުގައި ބޭއްވި ވޯކް-އިން އިންޓަރވިއުގައި 250 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
އަދި މި ފަހަރުގެ ވޯކް-އިން އިންޓަރ ވިއު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ސްކޫލް
ބަންދު ތެރޭގައިކަމުން، މި ވޯކް-އިން އިންޓަރވިއުއަށް ވެސް ބޮޑު ތަރުޙީބެއް ލިބިގެންދާނެ
ކަމަށް އިލެކްޝަންސް ކޮމިޝަނުން އުންމީދުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް