އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖް -
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން
ބާއްވާ، ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތެއް ކަމުގައިވާ އެމްއެމްއޭ ތަމްވީލް ފިންލިޓް
ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ 30 ސެޕްޓެމްބަރު
ވާ އަންގާރަ ދުވަހެވެ.
މި މުބާރާތުގައި 10،000 ރުފިޔާއާ ހަމައަށް ފައިސާގެ
އިނާމު ހޯދުމުގެ ފުރުޞަތު އެބައޮތެވެ. 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް
ހުޅުވާލެވިފައިވާ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް އިސްލާމީ
ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ބާއްވާ
ކުއިޒް މުބާރާތެކެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 6 އޮންލައިން
ބުރު ހިމެނޭނެއެވެ. މި ބުރުތަކުގައި 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް
ލީޑަރބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެއެވެ. އެންމެ މަތިން ޕޮއިންޓް ލިބޭ 5 ޓީމު ދެން
ކުރިމަތިލާނީ ލައިވްކޮށް މީހުން ޙާޟިރުވެގެން ބޭއްވޭ ފައިނަލް ބުރަށެވެ. މި ބުރުގައި
ވާދަކޮށް އަގުހުރި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގެ ސުވާލުތައް
އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ޙައްލުތައް ރައްކާތެރިކަމާއެކު
ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް، އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް، ޓީމުތަކުން އެޕްލިކޭޝަން
ފޯމު މާދަމާ ރޭ 11:59 ގެ ކުރިން ހުށަހަޅަންވާނެއެވެ. ކޮންމެ ޓީމަކުންވެސް ޓީމު ލީޑަރެއް
އައްޔަންކުރަންވާނެއެވެ. ލީގު ބުރުތަކަށް ބޭނުންކުރާނެ އޮންލައިން ޕްލެޓްފޯމް ބަލަހައްޓާނީ
އެމްއެމްއޭ އިންނެވެ.
މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ،
ދެވަނައަށް އަންނަ ޓީމަށް 7،000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ޓީމަށް 5،000 ރުފިޔާ
ލިބޭނެއެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް: https://shorturl.at/awZ9B
އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް
ދިމާވާ ޓީމުތަކަށް [email protected] މެދުވެރިކޮށް އެމްއެމްއޭއާ ގުޅުއްވުމަށް
އެމްއެމްއޭއިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް