ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމަށް ބޭނުންވާ ފަހުގެ މަސައްކަތްތައް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ. އެ ކުންފުނިން ޕީއެސްއެމް ނިއުސްއަށ...

21 Jun 2026 | 06:42
N/A

N/A

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ.

އެ ކުންފުނިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް ސަބް ގްރޭޑިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެއީ މިހާރު ހަދަމުންދާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތައެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މި ހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާ ހަމައަށް މަގު އެއްވަރުކުރުމުގެ މަސައްކަތް ނިންމުމަށެވެ. ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން މަގު އެއްވަރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ.

އެ ކުންފުނީގެ ތާވަލަށް ބަލާއިރު މި މަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ކުރިން އޮތީ ނިންމައިފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ވެސް ވަނީ ނިންމައިފައެވެ. މި މަހުގެ ނިޔަލަށް މި މަޝްރޫޢު ނިންމުމަށް އެ ކުންފުނިން ކުރިން ވިދާޅުވެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ 5 ސެގްމަންޓަކަށް ބަހާލައިގެން 580 ޖާގައިގެ ޕާކިންއަކާ އެކުގައެވެ. ދެކޮޅަށް ދުއްވޭ ގޮތަށް ތަރައްޤީކުރާ މި މަގު ފުޅާކުރުމަށް ފަޅުތެރެއަށް މަގުގެ ބައެއް ވަނީ ޖައްސައިފައެވެ. ފުރަތަމަ މަރުހަލާގައި މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ވަނީ ތަރައްޤީކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް