N/A
އެމްޓީސީސީން "މާލެ ޓެކްސީ ލައިން"ގެ ނަމުގައި ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާއެކު ޓެކްސީ ޚިދުމަތެއް ރަސްމީކޮށް އިފްތިތާޙުކޮށް، މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މުޅިން ހިލޭ ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި ޚިދުމަތް ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމްޓީސީސީން ބުނީ މިއަދުން ފެށިގެން އޭޕްރީލް ނުވައެއްގެ ނިޔަލަށް ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދެނީ، އަގު ނެގުމުގެ ކުރިން ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ކަމަށެވެ. މި މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރު ބުކް ކުރެވޭނެ ކަމަށާއި، ކަސްޓަމަރުންގެ ޚިޔާލާ އެކީ ޚިދުމަތް ފުރިހަމަ ކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށް ކުންފުނިން ބުނެއެވެ.

މާލެ ޓެކްސީ ލައިންގެ ފްލީޓުގައި ހިމެނެނީ ޗައިނާގެ ޗަންގަން އޮޓޮމޯބިލް އިން އުފައްދާ ތިން މޮޑެލެއްގެ އީ.ވީ ކާރެވެ. އެގޮތުން، މާލެ ސިޓީގެ ހަނި މަގުތަކަށް ފަސޭހަ ކުޑަ ސައިޒުގެ "ލުމިން" މޮޑެލާއި، ގިނަ ބަޔަކު ނުވަތަ ގިނަ ދާގީނާ ގެންދާން ބޭނުންވާ ނަމަ "އެސް.ޒީރޯ 5" އަދި "އެސް.ޒީރޯ 7" މޮޑެލް ހިމެނެއެވެ. ފުލް ޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައި ޖުމްލަ 407 މުވައްޒަފުން ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާނެއެވެ.
މި ޚިދުމަތުގެ ފާހަގަކޮށްލެވޭ ސިފަތަކުގެ ތެރޭގައި ޚާއްޞަ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ކާރު ބުކް ކުރެވުމާއި، ވަގުތުން ވެހިކަލް ޓްރެކް ކުރެވުމާއި، ކޭޝްލެސްކޮށް ފައިސާ ދެއްކެން ހުރުމާއި، ދަތުރުތަކުގެ ތަފްސީލާއި ޑިޖިޓަލް ރަސީދު ބެލެން ހުރުން ހިމެނެއެވެ. ހިލޭ ދަތުރުގެ މުއްދަތު ނިމުމުން ދަތުރުތައް ކުރާނީ ޓްރާންސްޕޯޓް ވުޒާރާ އިން ކަނޑައަޅާފައި ހުންނަ އަގުތަކަށް ކަމަށާއި، ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާގެ ވަޒީރު މުޙައްމަދު އަމީނާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ. މި އިލެކްޓްރިކް ޓެކްސީ ފްލީޓުގެ ސަބަބުން، ކޮޕް 29 ގައި ރާއްޖެ އިން ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް ކަނޑައެޅި ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއެރުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް