N/A
ބޭރުފައިސާ އާއި ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ ޖޫރިމަނާތަކަކީ މި އިސްލާހަށްވުރެ ހަރުކަށިކޮށް މިހާރު ވެސް ގާނޫނުގައި އޮތްއެއްޗެކެވެ.
އެމްއެމްއޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ވަނީ ' ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެކްސްޗޭންޖެރޭޓްގެ ނިޒާމާ ގުޅިގެން ވަކި ބޭރު ފައިސާއެއް ގަންނަ އަގާއި ވިއްކާ އަގު ކަނޑައަޅާފައިވާނަމަ، އެ އަގު ފިޔަވައި އެހެން އަގެއްގައި އެ ބޭރު ފައިސާއެއް ވިއްކުމާއި އަދި ގަތުމަކީ މަނާކަމެކެވެ. އަދި އެ އޮތޯރިޓީގެ ހުއްދަނެތި، އެފަދަ މުއާމަލާތްތަކަށް އިތުރު ކޮމިޝަނެއް ނުވަތަ އެއްވެސް ފައިދާއެއް ނެގުމަކީ މަނާކަމެކެވެ.
އެ މާއްދާގެ (ނ) ގައި ވަނީ (ށ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ފަރާތެއް، 10،000 ( ދިހަ ހާސް ) ރުފިޔާއާއި 1،000،000 ( އެއްމިލިއަން ) ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 10،000 ( ދިހަހާސް ) ރުފިޔާއާއި އެ މުއާމަލާތެއްގައި ހިމެނޭ ފައިސާގެ އަދަދުން 5 ގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކީކޭ؟
މި އިސްލާހުގައި ވަނީ އެއްވެސް ފަރާތަކުން، ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީއިން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑްގެ ބޭރުން، އެއް ވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
އަދި މިކުށުގެ އަދަބަކީ ކުށުގެ ކުޑަ ބޮޑު މިނަން ބަލައި، 25،000 ރ އާއި އެއް މިލިއަން ރުފިޔާ އާއި ދޭތެރޭ އަދަދަކުން ޖޫރިމަނާކުރުމެވެ. ކުރިން ވެސް ކަޅު ބާޒާރުގައި ގަނެ ވިއްކުމަކީ މަނާކަމެކެވެ. އެހެންކަމުން މިއީ މިހާރު އެމްއެމްއޭ ގާނޫނުގައި ހިމެނޭ ޖޫރިމަނާގެ އަދަދަށްވުރެ ވެސް ކުޑައަދަދެކެވެ.
ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން ކުށަކަށް
ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން ކުށަކަށް ހެދުމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އެއްވެސް ފަރާތަކުން، ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީއިން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަކީ ކުށެކެވެ.
މި އިސްލާހުގައި ވާގޮތުން "އިސްތިހާރުކުރުމާއި ޕްރޮމޯޓް ކުރުން" ކަމަށް ބުނެފައި ވަނީ، ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭއިން ރަސްމީކޮށް އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅައިފައިވާ ބޭންޑްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި ޝާޢިއުކުރުމާއި ފެތުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމެވެ.
މި ފަދަ ކުށެއް ކުރާ ފަރުދެއް ނުވަތަ ފަރުދުންގެ އިތުރުން އެކުށެއް ކުރުމުގައި ގާނޫނީ ޝަޚުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާނަމަ، އެފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް އިސްލާހުތަކުގައި ވެއެވެ.
މި އިސްލާހުތަށް މަޖިލީހުން ފާސްވެއްޖެނަމަ ކަޅު ބާޒާރު ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ގާނޫނީ ބަރު ލިބި އެ މަސައްކަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް