ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން...

17 Jan 2026 | 09:37
2024 ވަނަ އަހަރު ކުރިއަށްގެންދިޔަ މަޖިލިސް އިންތިޚާބުގެ ތެރެއިން - ފޮޓޯ: ދުވަސް

2024 ވަނަ އަހަރު ކުރިއަށްގެންދިޔަ މަޖިލިސް އިންތިޚާބުގެ ތެރެއިން - ފޮޓޯ: ދުވަސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ

ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ

ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވާގޮތުގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ ލޯކަލް

ކައުންސިލްތަކުގެ އިންތިޚާބާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ

އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ރަށު ކައުންސިލްތަކާއި ސިޓީ

ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ

ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން، 2026 ފެބުރުވަރީ 01

ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ކައުންސިލަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ

ތެރޭގައި، ކައުންސިލްގެ ރައީސް، ކައުންސިލްގެ އަންހެން މެންބަރު، ކައުންސިލްގެ

މެންބަރު، ސިޓީ ކައުންސިލްގެ މޭޔަރު، ސިޓީ ކައުންސިލްގެ އަންހެން މެންބަރު އަދި

ސިޓީ ކައުންސިލްގެ މެންބަރު ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ

ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ތެރޭގައި ހިމެނެނީ، ސިޓީ އަދި ރަށު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި ސިޓީ އަދި ރަށު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެވެ. މިފަހަރުގެ

އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު

ކުރަންޖެހެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން

ފޯމު ހުށަހަޅާނީ، އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓް

މެދުވެރިކޮށް މައި ޕޯޓަލް my.elections.gov.mv  އަށެވެ. އަދި ފޯމު

އޮންލައިންކޮށް ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30

ން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު

18:00 އަށެވެ.

އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު

ހުށަހަޅާއިރު، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ކޯޓު ޙުކުމާ އެއްގޮތަށް އެ

ދަރަނި ޚަލާސްކޮށްފައިވާކަން ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ

ފަރާތެއްކަން އެނގޭނެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅުމަށް

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ސަމާލުކަންދޭންވާނޭ ކަމަށާއި އަދި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި

ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން

އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް

އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން

ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ފަދަ

ލިޔެކިއުންތައް ހުށަހަޅަންވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ

ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް

ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން

ހަވީރު 04:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026

އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް