މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: ދުވަސް
ސްކޫކް ވިއްކުން އަވަސްކޮށް ދަޢުލަތުގެ ޚަރަދުތައް
ތަރުތީބު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާދީފިއެވެ.
ބަޖެޓު ކޮމިޓީގައި އެމްއެމްއޭއިން އެ ލަފާ ދިނީ ރާއްޖޭން
އަންނަ އަހަރު ރެކޯޑު އަދަދެއްގެ ދަރަންޏެއް ދައްކަން ޖެހޭއިރު އެކަމަށް
ރިއާޔަތްކޮށެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2
ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އެއީ މި އަހަރު ތަންފީޒުކުރަމުން އަންނަ
56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެހާ ބޮޑަށް ބޮޑުވީ
އެ އަހަރު އެކަނި ޖުމުލަ 1.1 ބިލިއަން ޑޮލަރު ދަރަނި ދައްކަން ހޭދަކުރަންޖެހޭތީ ކަމަށް
ސަރުކާރުން ބުނެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަން ޖެހޭ 600 މިލިއަން ޑޮލަރު
ވެސް ހިމެނެއެވެ.
އެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މިއަދު ވަނީ މަރުކަޒީ
ބޭންކް، އެމްއެމްއޭގެ އިސްވެރިން ހާޒިރުކޮށްފައެވެ.
އެ ކޮމިޓީގައި އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް
ރަޝްފާ ވަނީ، 600 މިލިއަން ޑޮލަރު އަންނަ އަހަރުގެ އޭޕްރީލް މަހުގައި ދެއްކުމަށް އައު
ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކުމުގެ މަސައްކަތް ކުރުން އަވަސް ކުރުމަށް ލަފާ އަރުވައިފައެވެ.
އެގޮތުން، އެ ދަރަނި އަނބުރާ ދައްކަން ރާވަފައިވާ ޕްލޭނާ
އެއްގޮތަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ފައިސާ ހުންނާނެކަން ކަށަވަރުކުރުމަށް
މިހާރު ވެސް އަމަލުކުރާ ގޮތަށް، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ލިބޭ ޑޮލަރު އެއްކޮށް
އެ ފަންޑަށް ޖަމާކުރުމަށް އޭނާ ވަނީ ލަފާ ދެއްވާފައެވެ.
އޭނާ ވަނީ، ބަޖެޓު ފައިނޭންސް ކުރުމުގައި އެސްޑީއެފްގެ
ފައިސާ ބޭނުންނުކުރުމަށާއި އެކްސްޓާނަލް ފައިނޭންސިން ނުލިބިއްޖެނަމަ، އެ ފައިސާ ހޯދުމަށް
ޑޮމެސްޓިކް މާކެޓަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް