ދެ ލައްކަ 25 ހާސް ރުފިޔާގެ ފައިސާގެ އިނާމާއެކު ޔޫތު ހެކަތޯން ފެށިގެން ކުރިއަށް

ޔޫތު ހެކަތޯން 2025 ފަށައިފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން އެ ވުޒާރާއ...

12 Dec 2025 | 04:18
N/A

N/A

ޔޫތު ހެކަތޯން 2025 ފަށައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ

ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން

އެ ވުޒާރާއިން ބާއްވާ ހަރަކާތެކެވެ.

"މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ މިއަހަރު

ބައިވެރިވެފައި، މި ހަރަކާތަކީ ތިން ދުވަހަށް ދެމިގެންދާ ހަރަކާތެއް، ޖުމްލަ 48 ގަޑިއިރަށް

މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު ހަތަރު ޓީމެޓިކް އޭރިއާއަކަށް

ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެ" އެ ވުޒާރާއިން ބުނެފައިވެއެވެ.

މިއަހަރުގެ ޔޫތު ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު

ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި

ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މިއަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް

ބައިވެރިވެފައިވުމުން ފެނިގެންދަނީ ޒުވާނުން މިކަމަށް ހުރި ޝައުގުކަމަށެވެ.

މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން

އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ

ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"85 ކުދިންނަށްވުރެ ގިނަ ކުދިން މި ހެކަތޯންގައި

ބައިވެރިވޭ. މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ދުރާލާ އިއުލާންކޮށްގެން ލިބުނު ވަރަށް

ވުރެ ގިނައިން މިއަހަރު މިތަނުގައި ޓީމްތައްވެސް ހިމެނޭނެ ކުދިންވެސް ހިމެނޭނެ. އެހެންވީމަ

އެއިން އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޒުވާނުން މިކަމަށް އޮތް ޝައުގު."

ވަޒީރު ވިދާޅުވިއެވެ.

ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން އެއް ވަނަ ދެ

ވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އެއް ލައްކަ ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް

75،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު

އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ހިމެނެއެވެ.

ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި

މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ

ކުރަނިވި އާއުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނޭ ކަމަށާއި މި

ހެކަތޯން ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް

ކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް