މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދީފި

ދައުލަތުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އިސްވެރިޔާ ނުވަތަ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ފަރުހަތު މި މަގާމާ ހަވާލުވެ...

12 Apr 2026 | 06:39
ފަރުހަތު ޝަހީރު

ފަރުހަތު ޝަހީރު

ދައުލަތުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އިސްވެރިޔާ ނުވަތަ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ފަރުހަތު މި މަގާމާ ހަވާލުވެވަޑައިގަތީ މާޗު 2025 ގައި، އެ ކުންފުނީގެ ފުރަތަމަ ބޭރުގެ ސީއީއޯ ޑރ. ވިޓަލީ ލިއުބިމޯވް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ދުވަސްވަރު ފަރުހަތު ހުންނެވީ އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި ހުންނެވި ފަރުހަތު ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގަތީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވެރިކަން ބަދަލުވުމާ ގުޅިގެންނެވެ. އޭގެ ފަހުން ރައީސް ޔާމީނުގެ ދައުރުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.

މިހާރުގެ ސަރުކާރުން ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކަށް ސަލާމަތީ ބާރުތަކުގެ ކުރީގެ އިސްވެރިން އައްޔަނުކޮށްފައިވާއިރު، މިފަހަކަށް އައިސް ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިވެފައެވެ. އެގޮތުން ފެނަކައިގެ ސީއީއޯ މުހައްމަދު ނަޖާހު މަގާމުން ވަކިކޮށްފައިވާއިރު، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މިފްކޯއަކީ އެފްޕީއައިޑީގެ ކޮރަޕްޝަން މައްސަލަތަކަށް ފަހު 1993 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް