އީރާނުން ޓްރަމްޕަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރަށް އެއާ ފޯސް ވަންގެ ވަލުދޮރުން ނިކުމެ ކޭޓަރިން ޓްރަކެއްގައި ފްލައިޓް ބަދަލުކުރިކަން ހާމަވެއްޖެ

އީރާނުން ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމުގެ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިދިޔަ މަހު ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުން ޓްރަމްޕް ސިއްރިއްޔާތުގައި ކެއުން ލޯޑުކުރ...

11 Aug 2026 | 05:34
N/A

N/A

އީރާނުން ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމުގެ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިދިޔަ މަހު ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުން ޓްރަމްޕް ސިއްރިއްޔާތުގައި ކެއުން ލޯޑުކުރާ ޓްރަކެއް މެދުވެރިކޮށް ވަކި މަތިންދާ ބޯޓަކަށް ބަދަލުކޮށް ގައުމުން ބޭރުކޮށްފައިވާ ކަމަށް ދަ ވޮޝިންޓަން ޕޯސްޓުން ހޯމަ ދުވަހު ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓެލެވިޒަން ކެމެރާތަކުގެ ކުރިމަތީގައި ޓްރަމްޕް އެއާ ފޯސް ވަން ޖަމްބޯ ޖެޓަށް އެރި ނަމަވެސް އެ ބޯޓަށް އެރިތާ ކުޑަ ވަގުތުކޮޅެއް ފަހުން ބޯޓުގެ އިދިކޮޅު ދޮރާ ދިމާއަށް ހައިޑްރޯލިކް ނިޒާމު ބޭނުންކޮށްގެން އުފުލައި އެއާޕޯޓު ކެޓަރިން ޓްރަކެއްގައި ޓްރަމްޕް ބާލައި ކުޑަ ސީ 32 އޭ މިލިޓަރީ ޖެޓެއްގައި ސިއްރުން ގައުމުން ބޭރުކޮށްފައިވެއެވެ.

އެ ވަގުތު ޓްރަމްޕާ އެކު ދަތުރުކުރާ ކަމަށް ހީކޮށް ނޫސްވެރިންނާއި ބައެއް ވައިޓް ހައުސް މުވައްޒަފުން ތިބީ އެއާ ފޯސް ވަން ގައެވެ. ނައްޓައިލުމުގެ ކުރިން ނޫސްވެރިންނަށް ކުޑަދޮރުގެ ފޮތިގަނޑު ތިރިކުރުމަށް އިރުޝާދު ދީފައިވެއެވެ.

ޓްރަމްޕް ސަމިޓަށް ވަޑައިގެންނެވީ ގަތަރުން ހަދިޔާކުރި ހުދާއި ރަތާއި ކަނޑު ނޫ ކުލައިގެ އައު ލަގްޒަރީ ޖެޓެއްގައެވެ. ނަމަވެސް ފުރުމުގެ ކުރިން ޓްރަމްޕް ނިންމީ އެއާ ފޯސް ވަން ގައި ދަތުރުކުރާ ގޮތަށެވެ. އެ ވަގުތު ޓްރަމްޕް ބުނީ ހުޅަނގު އިނގިރެސިވިލާތުގައި ތިބި އެމެރިކާ ސިފައިންނަށް އައު ބޯޓު ދައްކައިލުމަށް ކުރީބައިގައި އެ ބޯޓު ފޮނުވައިލީ ކަމަށެވެ. ނަމަވެސް ދަ ނިއު ޔޯކް ޓައިމްސް އާއި ސީބީއެސް ނިއުސް އިން މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ޖާސޫސީ އިދާރާތަކުން ވަނީ ޓްރަމްޕަށް ނުވަތަ އެ ބޯޓަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ގަތަރުން ހަދިޔާކުރި ބޯޓު ބޭނުންނުކުރުމަށް ލަފާ ދީފައެވެ.

އިނގިރެސިވިލާތުގެ ރޯޔަލް އެއާ ފޯސް މިލްޑަންހޯލް އަށް އެއާ ފޯސް ވަން ޖެއްސުމުން ޓްރަމްޕް ރިޔާސީ ބޯޓުން ފައިބާ ފޮޓޯ ފޮޓޯގްރާފަރުން ނެގިއެވެ. އެހެންކަމުން ނޫސްވެރިންނަށް ނޭނގި ޓްރަމްޕް އެ ބޯޓަށް އަލުން ސިއްރުން އެރީ ކަމަށް ބެލެވެއެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވެން ޗެންގް ނެރުނު ބަޔާނުގައި ބުނީ "އެމެރިކާގެ ދުޝްމަނުން ރައީސަށް ފާރަލައިގެން ތިބި ކަމަށް ރައީސް ވިދާޅުވެފައިވާ ފަދައިން އެ ނުރައްކާތަކާ ދެކޮޅަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރާ" ކަމަށެވެ. ނަމަވެސް ސިއްރު އޮޕަރޭޝަނާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ވައިޓް ހައުސް އިން ދީފައެއް ނުވެއެވެ. އެމެރިކާގެ ސީކްރެޓް ސާވިސް އިން ވެސް ބަހެއް ނުބުނެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ރިޗާޑް ބްލޫމެންތޯލް ވަނީ ކޮންގްރެސް ތަހުގީގެއް ކުރުމަށް ގޮވައިލައިފައެވެ. ޓްރަމްޕް ތުރުކީގައި ހުންނެވި ދުވަސްވަރު އީރާނުން ސަރަހައްދީ ވިޔަފާރި ބޯޓުފަހރަށް ދިން ހަމަލާތަކުގެ ބަދަލުގައި އެމެރިކާ ސިފައިން ވަނީ އީރާނަށް ބޮޑެތި ހަމަލާތަކެއް ދީފައެވެ. މި ހާދިސާއާ ގުޅިގެން ގަތަރުން ހަދިޔާކުރި އައު ބޯޓަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ޓްރަމްޕް ކުރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް