ބާޒާރުމަތީ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ މަރުޙަލާގެ ދަށުން، މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ނިމިއްޖެއެވެ. ރޭގެ ވަގުތެއްގައި އެ ސަރަޙައްދުގައި ތާރުއަޅާ ނިންމާފައިވާއިރު، އަނ...

11 Feb 2026 | 04:16
N/A

N/A

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ މަރުޙަލާގެ ދަށުން، މާލޭގެ

ބާޒާރުމަތީ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

ރޭގެ ވަގުތެއްގައި އެ ސަރަޙައްދުގައި ތާރުއަޅާ ނިންމާފައިވާއިރު، އަންނަ

ހަފުތާގެ ތެރޭގައި އެ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ވަނީ

ހަމަޖެހިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށި މި

މަޝްރޫޢަކީ، ރަމަޟާން މަސް ފެށުމުގެ ކުރިން ބާޒާރުމަތީގެ މަގުތައް ޒަމާނީ

ފެންވަރަށް ތަރައްޤީކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި

މަސައްކަތުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 260

މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ.

މުޅި މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ދެން ކުރިއަށްދާނީ

މަގުގެ ނިޝާންތައް ކުރެހުމާއި، ބޯޑުތައް ހަރުކުރުމުގެ އިތުރުން ޔުޓިލިޓީ

ނެޓްވޯކްގެ ބާކީ ހުރި މަސައްކަތްތަކެވެ. މި ބަދަލާއެކު ބަނދަރުގެ އެއްގަމު ތޮށި 6

މީޓަރަށް ބޭރަށް ޖައްސައި، މަގުގެ ފުޅާމިން 14 މީޓަރަށް ބޮޑުކޮށް 4 ލޭނަށް ވަނީ

ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ބާޒާރުމަތީގެ 260 މީޓަރުގެ އެއްގަމު ތޮށިވެސް

ވަނީ މުޅިން އަލުން ހަދާފައެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، އަދި އަތޮޅުތެރެއަށް މުދާ އުފުލާ

އުޅަނދުފަހަރާއި މަސްދޯނިފަހަރު ގިނައިން ބޭނުންކުރާ މި ސަރަޙައްދުގެ މަގުތައް

ތަރުތީބުވުމުން، ޓްރެފިކްގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ. މި މަޝްރޫޢުގެ

ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް ނިންމައި މިދިޔަ ޑިސެމްބަރު މަހު

ވަނީ ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް