"ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުން ގެންދިއުމުގެ ހުއްދައަށް އެމްޑީޕީން އެދިއްޖެ

އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެ ޕާޓީން މިއަދު ފުލުހުންގެ ކިބައިން އެދިއްޖެ...

09 Aug 2026 | 10:14
އެމްޑީޕީން މުޒާހަރާއަށް ތައްޔާރުވަނީ -- ފޮޓޯ:" އެމްޑީޕީ

އެމްޑީޕީން މުޒާހަރާއަށް ތައްޔާރުވަނީ -- ފޮޓޯ:" އެމްޑީޕީ

އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެ ޕާޓީން މިއަދު ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

މި މުޒާހަރާ އަކީ އާންމު ދިރިއުޅުމުގެ ޚަރަދުތައް އިތުރުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުމަށް ބާއްވާ މުޒާހަރާ އެކެވެ. މިއަދު ހެނދުނު ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މުޒާހަރާ ގެންދާނެ މަގާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކައިފައިވެއެވެ.

އެ ބައްދަލުވުމަށް ފަހު އިސްކަންދަރު ކޮށީ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މަޖީދީމަގު މެދުވެރިކޮށް މުޒާހަރާ ގެންދެވޭ ގޮތް ހެދުމަށް ހުށަހެޅުއްވި ކަމަށެވެ. ފުލުހުންގެ ވެރީންނާ މަޝްވަރާކޮށް ޖަވާބެއް ދެއްވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި މި ފަހަރު ހުއްދަ ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޒާހަރާގައި ކުރިޔަށް ދެވޭނެ އިތުރު މަގެއް ނެތް ކަމަށެވެ. ކުރިޔަށް ދެވޭނީ މަޖީދީ މަގުން ކަމަށާއި އެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމުން ފުރުސަތު ދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މީގެ ކުރިން މާލޭގައި ބޭއްވި ދެ އެއްވުމެއްގައި ވެސް މަޖީދީމަގުގައި ހަރަކާތް ހިންގިޔަނުދީ ފުލުހުން ހުއްޓުވާފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެމްޑީޕީގެ ޕްލޭނަކީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު ކައިރިން މުޒާހަރާ ފެށުމެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ހަރަކާތް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭނާ ދެމުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިދިޔަ އަހަރު އެއްވެ އުޅުމާ ބެހޭ ޤާނޫނަށް ހޯމް މިނިސްޓްރީން ގެނެސްފައިވާ އިޞްލާޙުގެ ދަށުން ފުލުހުންގެ ހުއްދައާ ނުލައި މުޒާހަރާ ކުރެވޭ ގޮތަށް ހެންވޭރު ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި އިންޑަސްޓްރިއަލް ޒޯނާއި އުސްފަސްގަނޑު ހިމެނޭ ގޮތުން ޖުމްލަ ހަތަރު ތަނެއް ވަނީ ކަނޑައަޅައިފައެވެ.

އެ ތަންތަން ފިޔަވައި އެހެން ތަނެއްގައި އެއްވުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ހޯދުން ލާޒިމުވާ ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ހުއްދައާ ނުލައި ވެސް މާލޭގެ ތަފާތު ސަރަހައްދުތަކުގައި މުޒާހަރާތައް ހިންގައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް