N/A
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،
ޒަކާތުގެ ބިލު (ބިލު ނަންބަރު 30/2025)، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 3 ޑިސެންބަރު 2025 ވީ
ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ
ދައުރުގެ 28 ވަނަ ޖަލްސާގައެވެ.
މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ
މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި،
ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން،
ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ
ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ
މަޤްޞަދުގައި އެކުލަވަލާލެވިފައިވާ ބިލެކެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި
ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި
ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން
އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި "ޒަކާތު ފަންޑު"
ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަލަހައްޓާނީ މާލިއްޔަތާބެހޭ
ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ
ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ފަންޑު އުފެދުމާއެކު، ޤާނޫނު ނަންބަރު
2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި
"ޒަކާތު ފަންޑު" އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ
ފަންޑަށް ބަދަލުވީއެވެ.
މި ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި
ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު
ކަނޑައަޅުއްވާނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި
ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ
ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި
މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި
"ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް
ބަޔާންކޮށްފައިވެއެވެ.
ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން
ހިންގާ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި، ސަރުކާރުގެ
އިދާރާއެއް އުފެދުނީއެވެ. އަދި ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް
ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އިދާރާގައި ބޭނުންކުރަމުންދިޔަ
އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ
ދަށުން އެ އިދާރާއަށް ލިބިދޭ ޙައްޤުތަކާއި މަންފާތައް، މި ޤާނޫނުގައި ބަޔާންކުރާ މޯލްޑިވްސް
ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ
ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ
އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއެކު
ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވާފައެވެ. ޤާނޫނަށް ޢަމަލުކުރަން
ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް