ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް - ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް، ރައީސް ޑރ. މުޙައްމަދު ވަހީދުގެ
ވެރިކަން ވައްޓައިނުލެވުނު ބަޔަކު ޕީއެންސީގެ ވެރިކަން ވައްޓައިލަން އުޅުމަކީ
ކަނޑުން ލޮނު ހިއްކަން އުޅުން ކަހަލަ ކަމެއް ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި
ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު
އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި
ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ އެމްޑީޕީއަކީ އެންމެ ބަލިކަށި އަދި
އެންމެ ކުރު އެއް ވެރިކަން ކަމުގައިވާ ޑރ. ވަހީދުގެ ވެރިކަން ވައްޓައިލަން އުސްފަސްގަނޑަށް
އެއްވެ ކާޅާ ވާލާ ހާލާ ކަތިލާ ޑރ. ވަހީދަށް ސިހުރު ހަދާ އެފަދަ އެތައް އެތައް ކަމެއްކުރި
ބައެއް ކަމަށާއި ނަމަވެސް އެކަނި މާއެކަނި ހުރި ޑރ. ވަހީދުގެ ވެރިކަންވެސް އެމްޑީޕީއަށް
ވައްޓައިނުލެވުނު ކަމަށެވެ.
"އެމްޑީޕީން ކުރިން މުޒާހަރާއަކަށް ގޮވައިލީމާ
ހިނިހޮރަކުން ނިކުންނަހެން ނިކުންނާނެ، އެހެނަސް މިހާރު މުޒާހަރާ އިސްތިހާރު
ކުރަންވެސް އެބަ ނަގާ ތިން މަސް ދުވަސް" އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު
ވިދާޅުވަމުން ފަލާހް ވިދާޅުވިއެވެ.
ފަލާހްގެ ވާހަކަފުޅުގައި މުޒާހަރާ ކުރި މެންބަރުންގެ
ގޮނޑި ގެއްލެންޖެހޭކަންވެސް ފާހަގަކުރައްވަމުން މަގުމަތީގައި މުޒާހަރާ ކުރުމަކީ މިހާރު
ރައްޔިތުން ބަލައިގަންނަ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުން މާ ބާރު
އަޑެއް އިއްވައިގެން އެކަމުގެ ޝަކުވާ ކުރާއިރު މިއަދު މާ މަޑުން ގޮވާލުމުންވެސް
އެމްޑީޕީގެ މެންބަރުންނަށް އަޑުއިވޭކަން މަޖިލީހުގެ ތަޅުމުގައި ފަލާހް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް