އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް - ފޮޓޯ: މަޖިލިސް
ރައީސުލްޖުމްހޫރިއްޔާ ހޮވާ އިންތިޚާބާއި
ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވާ އިންތިޚާބު އެކުގައި ކުރިއަށްގެންދަން ޤާނޫނުއަސާސީއަށް
ގެންނަން އިސްލާޙުގެ ބިލު، ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
ސަރުކާރު ފަރާތުން މި ބިލު ހުށަހަޅުއްވަނީ އިނގުރައިދޫ
ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
"ސަރުކާރު ފަރާތުން މި ބިލު ހުށަހެޅުމުގެ
ބޭނުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި،
ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވަންވާނީ، ދެ
އިންތިޚާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ
އުސޫލު އިޞްލާޙުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސަސާސީއަށް
ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ" ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި
ބަޔާންކޮށްފައިވެއެވެ.
އެ ބިލަށް ބަލައިލާއިރު ޤާނޫނުއަސާސީގެ 72 ވަނަ
މާއްދާގެ (ނ)ގެ ފަހަތަށް (ރ) އިތުރުކުރަން ހުށަހަޅާއިރު (ރ) ގައި ބުނަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު
ބާއްވަންވާނީ، ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް
ބާއްވާ އިންތިޚާބާ އެކުގައި ކަމަށެވެ.
އެއަށްފަހު ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިޞްލާޙުކުރުމަށް
ހުށަހަޅާފައިވެއެވެ. ހުށަހަޅާފައިވާ ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ،
ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި އެ
މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށެވެ.
އެއަށްފަހު ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ށ)ގެ
ފަހަތަށް (ނ) އިތުރުކުރަން ހުށަހަޅާފައިވެއެވެ.
(ނ) ގައި ބަޔާންކުރަނީ ހިނގަމުންދާ ރައްޔިތުންގެ
މަޖިލީހުގެ ޢުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިޚާބުކުރާ
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު މަހުގެ އެއްވަނަ
ދުވަހު ކަމަށެވެ.
އިޞްލާޙުގައި ބުނެފައިވާގޮތުގައި އެ އިޞްލާޙުތަކާއެކު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށްޓަކައި، ޤާނޫނަށް ޢަމަލުކުރަން
ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވަންވާނީ، އެ
މާއްދާގައި ބަޔާންކުރާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ޢަމަލުކުރަން
ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޢުމުރު 2028 ޑިސެމްބަރު 1 ވަނަ
ދުވަހު ހަމަވާނެ ކަމަށާއި، މި ޤާނޫނުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާއަށް ގެނެވޭ
އިޞްލާޙާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން
ހޮވުމަށްޓަކައި، ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދެންއެންމެ އަވަހަށް
ބާއްވަންޖެހޭ އިންތިޚާބު، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބާއްވައި، އެ
މަޤާމުތަކަށް މީހުން އިންތިޚާބުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން،
2028 ޑިސެމްބަރު 1 ވަނަ ދުވަހުގެ ކުރިން ކޮށް ނިންމައި، އެ ތާރީޚުގައި އަލަށް
އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެކަމަށްވެސް
ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް