އެލްޖީއޭ އިންތިހާބު ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނު ކުރުން: ނަޝީދު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވަން ތާވަލުކޮށްފައި އޮތް އިންތިޚާބު ފަސް ކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނު ކުރުން ކަމަށް ކުރީގެ ރައީސް އަދި ...

05 Aug 2026 | 04:37
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެމްޑީޕީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ބާއްވަން ތާވަލުކޮށްފައި އޮތް އިންތިޚާބު ފަސް ކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނު ކުރުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ އިންތިހާބު ބާއްވަން ތާވަލު ކޮށްފައި އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އިއްޔެ އެލްޖީއޭއިން ބަޔާނެއް ނެރެ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާކަން ހާމަކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ނަޝީދު ވިދާޅުވީ ކުރިން ކަނޑައަޅާފައިވާ ތާރީހުގައި އެ އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި އެލްޖީއޭގެ ނިންމުމުން ސަރުކާރު އެ އިންތިހާބުން ބަލިވެއްޖެކަން އަމިއްލައަށް އިއުލާނު ކުރެވުނީ ކަމަށް ވިދާޅުވި އެވެ.

އެލްޖީއޭއިން އިންތިހާބު ފަސްކުރި އިރު އެ ބޯޑަށް ވާދަކުރާނެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނާއި ކައުންސިލަރުންނާއި  މޭޔަރުން ޕާޓީތަކުން އޮތީ ކަނޑައަޅައި އާންމުކޮށްފައި އެވެ.

އެލްޖީއޭއިން ނެރުނު ބަޔާނުގައި އިންތިހާބު ފަސްކުރަން ޖެހުނު ސަބަބެއް ކަމަށް ބުނެފައިވަނީ އިންތިޚާބީ ތައްޔާރީތަކުގެ ތެރެއިން ނިންމަން ޖެހޭ މުހިންމު މަސައްކަތްތައް ފުރިހަމަނުވެ ހުރުމެވެ. ނަމަވެސް އެއީ ކޮން މަސައްކަތްތަކެއްކަން ހާމައެއް ނުކުރެއެވެ.

އެ ބޯޑުގައި ހިމެނެނީ ރައީސް ޢައްޔަންކުރައްވާ ވަޒީރަކާއި ޗީފް އެގްޒެކެޓިވް އޮފިސަރާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރަކާއި ސިޓީ ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރަކާއި އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން ހޮވާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން ފިނޭންސް ވުޒާރާއިން ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް