ސޫދާނުގެ ފަހުގެ މަންޒަރެއް - ފޮޓޯ: އެންއާރްސީ
ސޫދާން މަސްރަޙަށް ބަލައިލާއިރު އެންމެ ބޮޑު ކަމެއްގެ
ގޮތުގައި ފެންނާން އޮތީ ސޫދާނުގެ ބޮޑު ދެ ސަހަރެއް ބަނޑަށް ޖެހިފައިވާކަމަށް
"އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެފިކޭޝަން: އައިޕީސީ" އިން
ކަނޑައެޅި ޚަބަރެވެ.
އައިޕީސީއަކީ ބައިނަލްއަގުވާމީ ގޮތެއްގައި އެފަދަ
ކަންކަން ކަނޑައަޅާ މިންގަނޑެވެ. ޣައްޒާ ބަނޑަށް ޖެހުނުކަންވެސް ކަނޑައެޅީ ހަމަ އެ
މިންގަނޑުންނެވެ.
އައިޕީސީން ހުކުރު ދުވަހު އާންމުކުރި އެނޭލަސިސް
އިން ދައްކާގޮތުން ހުޅަނގު ދާރްފޫރްގެ އަލް-ފާޝިރް އަދި ދެކުނު ކުރްދުފާން
ޕްރޮވިންސްގެ ކަދޫޤްލީ ވަނީ ބަނޑަށް ޖެހިފައެވެ. އަދި ދާރްފޫރާއި މެދުތެރޭ
ކުރްދުފާންގެ އިތުރު 20 ސަރަޙައްދެއް ބަނޑަށްޖެހިދާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
އަލް-ފާޝިރަކީ ސޫދާނުގެ ޖަންޖަވީދުން (ރެޕިޑް ސަޕޯޓް
ފޯސަސް) އެންމެ ފަހުން ހިފި ސިޓީއެވެ. ކަދޫޤްލީ ކޮންޓްރޯލް ސޫދާން އާމްޑް ފޯސަސް (އޭއެސްއެފް)
އިން ކޮންޓްރޯލް ކުރި ނަމަވެސް ވަށައިގެން ވާ މަގުތަކާއި އިންތަކާއި ބިންތައް ހުރީ
ޖަންޖަވީދުންގެ ކޮންޓްރޯލު ދަށުގައެވެ. ކަދޫޤްލީ ބަންދުވެފައި އޮންނަތާ ދެތިން
މަހެއް ވެދާނެއެވެ. އަލް-ފާޝިރުން އޭއެސްއެފް ފައްސާލައި އަލް-ފާޝިރްގެ ފުރިހަމަ
ކޮންޓްރޯލުވެސް ޖަންޖަވީދުން ހޯދީ އެފަދަ ގޮތަކަށް އަލް-ފާޝިރް އެތައް ދުވަހަކު
ބަންދުކޮށްފައި ބޭއްވުމަށްފަހުގައެވެ.
ޖަންޖަވީދުންގެ ބަންދު އޮންނަ ސަރަޙައްދުތަކަށް
ބައިނަލްއަގުވާމީ އެހީ ފޯރާނެ ގޮތެއް ނޯވެއެވެ. އެ ދެ ސަރަޙައްދުގައިވެސް އެތައް
ހާސް ބަޔަކު ތާށިވެފައި އެބަ ތިއްބެވެ.
"އަލް-ފާޝިރާ ކަދޫޤްލީގައި އިންސާނިއްޔަތެއް
ނެތް، ބަނޑުހައި ހޫނުކަން އިންތިހާ، މަރުވުމާއި ބަނޑަށްޖެހުންވެސް ހަމަ
އިންތިހާ" އައިސީޕީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކުރުކޮށް ބުނަނީނަމަ 2023 ގެ އޭޕްރީލުން ފެށިގެން
ކުރިއަށްދާ ދާޚިލީ ހަނގުރާމައިގާ ސޫދާން މަރުވި މީހުންގެ އަދަދު އުޅެނީ 40 ހާހުން
މަތީގައެވެ. 14 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސޫދާނުގެ އެތެރޭގައި ވިއްސި ވިހާލިވެފައެވެ.
ރިޕަބްލިކް އޮފް ސޫދާން ނުވަތަ އައްސޫދާނަކީ އިރު
އުތުރު އެފްރިކާއަށް ނިސްބަތްވާ، އެފްރިކާއާއި ޢަރަބި ދުނިޔޭގައިވެސް އޮތް އެންމެ
ބޮޑު ޤައުމެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް އެއީ 10 ވަނައަށް އެންމެ ބޮޑު
ޤައުމެވެ.
97
އިންސައްތައިގެ މުސްލިމު އާބާދީއެއް އޮންނަ ސޫދާނުގެ އާބާދީއަކީ 50.5 މިލިއަނެވެ.
ވަށައިގެން ހުރި ޤައުމުތަކުގެ ތެރޭގައި މިޞްރު،
އިތިޔޮޕިޔާ، ކެންޔާ، ޔުގާންޑާ، ކޮންގޯ، ޗާޑު އަދި ލީބިޔާ އޮތް އިރު ދުނިޔޭގެ
އެންމެ ބޮޑު ކޯރު ކަމުގައިވާ ނީލަ ކޯރަކީ މިޞްރަށް ނިސްބަތްވާފަދައިން
ސޫދާނުގެވެސް ކޯރެކެވެ. ކޯރުގެ ސަބަބުން ސޫދާނު އިރުމައްޗާއި ހުޅަނގަށް
ބެހިފައިވާއިރު ސޫދާނަކީ ތެލާއި ރަނާއި ލޮއިން ބިން އިންތިހާ މުއްސަނދި އަދި
ޖުޢުރާފީ ގޮތުން ބަލާނަމަ ދުނިޔެއަށް މުހިންމު ގަދަ ބާރެކެވެ.
ދާހިލީ ހަނގުރާމައިގެ ފަސްފަހަތަށް ބަލައިލާއިރު
ސޫދާންގެ ދާހިލީ ހަނގުރާމައިގެ ފަސްފަހަތަށް ބަލައިލާއިރު
މިހާރު ކުރިއަށްމިދާ ދާހިލީ ހަނގުރާމަ ފެށެނީ 2023 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ.
އޭޕްރީލް 15، 2023ގައި ސުދާން އާމްޑް ފޯސަސް (އެސްއޭއެފް) އާއި ރެޕިޑް ސަޕޯޓް ފޯސަސް
(އާރްއެސްއެފް ނުވަތަ ޖަންޖަވީދުން) އާއި ދެމެދު ހަނގުރާމަ ފެށި ޤައުމު ބައިބައިވެ
ޤައުމުގެ އެކި ސަރަހައްދުތަކުގެ ކޮންޓްރޯލް ބެހިގެންދިޔައެވެ. އެއަށްފަހު މެދުކެނޑުމެއްނެތި
ހިނގަމުން އަންނަ ހަނގުރާމައިގާ އެއް ބަޔަކަށްވުރެ އަނެއް ބަޔަކު ބާރުގަދަވެ ސަހަރުތަކަށް
އަތްގަދަކުރަން ކުރާ މަސައްކަތުގައި އެތައް ހާސް މީހަކު މަރާފައިވެއެވެ. ސޫދާނަކީ 97
އިންސައްތަ މުސްލިމް ޤައުމެއް ކަމުގައިވާއިރު މަރުވެފައިވާ ނިސްބަތުގެ ބޮޑު ބައެއް
ހިއްސާކުރަނީ މުސްލިމުންނެވެ.
ހަމަ އެހެންމެ ދާހިލީ ހަނގުރާމައާއި ގުޅިގެން އެތައް
މިލިޔަން ރައްޔިތުންނަށް އެ ޤައުމު ދޫކޮށް ހިޖުރަކޮށްފައިވާއިރު ރެފިއުޖީ ހާލަތުގައިވެސް
އެ ޤައުމުގައި މި ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ ރައްޔިތުންނެއް ދިރިއުޅެމުން
އެބަ ދެއެވެ.
2023 ގެ ހަނގުރާމަ ފެށެން މެދުވެރިވި ސަބަބަށް ކުރުކޮށް ބަލައިލާނަމަ
އެސްއޭއެފްގެ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން އާއި ޖަންޖަވީދުންގެ
ލީޑަރު ޖެނެރަލް މުހައްމަދު ހަމްދާން ޑަގާލޯ އަކީ އެކުގައި ގުޅިގެން ސޫދާނުގައި ޒަމާންވީ
މިލިޓަރީ ލީޑަރު ޖެނެރަލް އޮމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައި ދެމީހުންނެވެ.
2019 ވަނަ އަހަރު އޮމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް
ގެނައުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވައިލި ނަމަވެސް އެ ސަރުކާރު 2021 ގައި ވައްޓާލައި
ގެނައި އަސްކަރީ ވެރިކަމުގައި ލީޑަރެއްގެ ގޮތުގައި ޖެނެރަލް އަބްދުލް ފައްތާހް އަލް
ބުރްހާން އަދި ޑެޕިއުޓީއެއްގެ ގޮތުގައި ޖެނެރަލް މުހައްމަދު ހަމްދާން ޑަގާލޯ ހަމަޖެއްސިއެވެ.
ވެރިކަން ކުރަން ފެށުމަށްފަހު ފުރަތަމަވެސް ކުރެއްވި އިޢުލާނަކީ އެ ދެ ފަރާތުގެ ގުޅުމަށް
ބުރޫއެއް ނާރާނެ ކަމަށާއި ގުޅުން އިންތިހާ ވަރުގަދަ ކަމަށެވެ. ނަމަވެސް 2023 ގެ އޭޕްރީލް
15 އިން ފެށިގެން ދާހިލީ ހަނގުރާމަ ހިނގަމުން އެދަނީ އެ ދެ ފަރާތުން ލީޑްކުރާ އެސްއޭއެފްއާއި
ޖަންޖަވީދުންނާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް